ދިވެހި ރައްޔިތުންގެ ފައިސާއިން ވައްކަންކޮށް ނަގާފައިވާ ފައިސާ ހުރިތަން އެނގޭ ކަމަށާއި އެނގޭތީ މިހާރުވެސް އޮންނާނީ ބަލައި ދިނުމަށް އެދި އެކަންކަން ބަލަންޖެހޭ މުއައްސަސާތަކަށް ހުށަހަޅާފައި ކަމަށް އަދާލަތު ޕާޓީގެ ނައިބް ރައީސް ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
ކޯލިޝަނުން މިއަދު ކޮޅުނބުގައި ބޭއްވި ބައްދަލުވުުގައި ޢަލީ ޒާހިރު ވިދާޅުވީ ތަފްޞީލުތަކާއިއެކު މައްސަލަތައް ހުށަހެޅި ނަމަވެސް ބަލައިދޭނެ މުއައްސަސާއެއް ނެތް ކަމަށެވެ. މައްސަލަތައް ނުބަލައި ބަހައްޓަނީ އެ މައްސަލަތައް ބެލުމުގެ ހިއްވަރު މި ސަރުކާރުގެ މުއައްސަސާތަކުގައި ނެތުމުން ކަމަށެވެ.
ޢަލީ ޒާހިރު ވިދާޅުވީ ރައްޔިތުންނަށް މިހުރިހާ ކަމެއްގެ ހަޤީޤަތް އެނގޭ ކަމަށާއި ކިތަންމެ ވަރަކަށް ވާހަކަ ދެއްކި ނަމަވެސް ޙަޤީޤަތް ބަދަލު ނުވާނެ ކަމަށާއި ޙަޤީޤަތް ހަޤީޤަތުގައި ދެމިއޮންނާނެ ކަމަށެވެ. ކިތަންމެ އޮފް އެރުވި ނަމަވެސް ކަރުދާސް މަލަކުން ވަސް ނުދުވާނެ ކަމަށެވެ.
ޢަލީ ޒާހިރު ވިދާޅުވީ ކޯލިޝަނުގެ ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން ފައިސާ ހޯދުމުގެ މަސައްކަތް ފަށާނެ ކަމަށާއި ކިތަންމެ ވަރަކަށް ފޮރުވާފައި ހުރި ނަމަވެސް ފައިސާ ހޯދޭނެ ކަމަށެވެ.