ވަޒީފާ އަދާ ކުރަމުން ކިޔެވޭނެ ފުރުސަތު ނަރުހުންނަށް ހޯދައިދެނީ

ކިޔުމަށް ހޭދަވާނީ 1މ 18ސ
ވަޒީފާ އަދާ ކުރަމުން ކިޔެވޭނެ ފުރުސަތު ނަރުހުންނަށް ހޯދައިދެނީ
ވަޒީފާގައި އުޅެމުން ކިޔެވުމުގެ ފުރުސަތު ނަރުހުންނަށް ފަހިކޮށްދިނުމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ހެލްތުން މިއަދު މަޝްވަރާ ކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން އެމިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި، ވަޒީފާގައި ތިބެގެން ކިޔެވުމުގެ ފުރުސަތު ނަރުހުންނަށް ފަހިކޮށްދިނުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވަނީ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އަލީ ފަވާޒް ޝަރީފާއި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއި މޯލްޑިވްސް ނަރސިން އެންޑް މިޑްވައިފްރީ ކައުންސިލުގެ އިތުރުން ކަމާގުޅޭ ޓެކްނިކަލް އެންމެހާ ބޭފުޅުންނެވެ.

މާލެއާއި އަތޮޅުތެރޭގެ ސިއްޙީ ޚިދުމަތުގެ ފެންވަރު އެއްހަމައަކަށް ގެނައުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ޑޮކްޓަރުންނެކޭ އެއްގޮތަށް ނަރުހުންނަކީ ވެސް މަސައްކަތުގެ މާހައުލުގައި ތައުލީމާއި ތަމްރީނުގެ ގޮތުން ޤާބިލު ބަޔަކަށް ހަދަން ޖެހޭކަމަށް، މިބައްދަލުވުމުގައި ޥާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެފައިވެއެވެ.

މިނިސްޓަރ ވިދާޅުވީ އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކަށް އަހުލުވެރި ބައެއްގެ ގޮތުގައި ނަރުހުން ހެދުމަށްޓަކައި ޓްރޭނިންގ ޕްރޮގްރާމްތައް ހިންގާނެގޮތާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.

ނަރުހުން ވަޒީފާގައި ތިބެގެން އިތުރު ތައުލީމާއި ތަމްރީން ހޯދުމުގެ ފުރުސަތު ހޯދުމާއި ގުޅޭގޮތުން ހެލްތު މިނިސްޓްރީން މަޝްވަރާ ކޮށްފައިވަނީ މިހިނގާ އޯގަސްޓް މަހުގެ އެއްވަނަ ދުވަހު އަމަލުކުރަން ފެށި ނަރުހުންގެ އައު އޮނިގަނޑު ތަންފީޒު ކުރުމަށްޓަކައެވެ.
މިއަދު އޮންލައިން