15 އަހަރަށްފަހު އެއްބަނޑު އެއްބަފާ ފަލަސްތީނު ދެބެން ބައްދަލުވީ މިނާ އިން

ކިޔުމަށް ހޭދަވާނީ 1މ 31ސ
15 އަހަރަށްފަހު އެއްބަނޑު އެއްބަފާ ފަލަސްތީނު ދެބެން ބައްދަލުވީ މިނާ އިން
މީގެ 15 އަހަރު ކުރިން އެކަކު އަނެކަކަށް ގެއްލިފައިވާ ފަލަސްތީނުގެ ދެބެން، މިއަހަރުގެ ޢަޟްޙާ އީދު ދުވަހު މިނާގައި އިއްތިފާގަކުން ބައްދަލުވެއްޖެއެވެ.

ސާމިރް ނަމަކަށް ކިޔާ ފަލަސްތީނުގެ ފިރިހެނެއް އޭނާގެ އާއިލާއާއި އުފަން ޤައުމު ދޫކޮށް އޮސްޓްރޭލިއާއަށް ފިލީ، ޒަމާނުއްސުރެ ފަލަސްތީނަށް އިޒްރާއީލުން ދެމުން ގެންދިޔަ ހަމަލާތަކުން އޭނާގެ ފުރާނަ ސަލާމަތް ކުރުމަށެވެ.

ފަލަސްތީނު ދޫކޮށް ދިޔުމުން އޭނާގެ ދައްތަ ބުޝްރާ އޭނާ ވަރަށް ހޯދިއެވެ. ނަމަވެސް ދެބެން އެކަކު އަނެކަކާއި ބައްދަލުނުވެ 15 އަހަރު ވޭތުވުމަށްފަހު، މާތް ﷲ ގެ އިރާދަފުޅާއެކު އެދެބެން ވެސް މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށްފަހު، ބައްދަލުވީ ޢަޞްޙާ ޢީދު ދުވަހުއެވެ.

ބުޝްރާއަށް ޙައްޖަށް ދެވުނީ ސަލްމާން ރަސްގެފާނުގެ ދީލަތި އެހީގެ ދަށުން މިއަހަރު ހިލޭ ޙައްޖަށް ދިޔުމަށް ފަލަސްތީނުގެ ބައެއް ރައްޔިތުންނަށް ދެވުނު ފުރުސަތުގެ ދަށުންނެވެ. އޭނާ ހިމެނިގެންވަނީ ފަލަސްތީނުގެ ޝަހީދުވީ އާއިލާއެއްގެ މެންބަރެއްގެ ގޮތުގައެވެ.

ސާމިރް ބުނި ގޮތުގައި، ސަލްމާން ރަސްގެފާނުގެ ޚާއްސަ މެހެމާނުންގެ ތެރޭގައި އޭނާގެ ދައްތަވެސް ހިމެނޭކަން ކުރިއަކުން ސާމިރަށް އެނގިފައެއް ނުވެއެވެ. ނަވަމެސް ދެބެން ބައްދަލުވުމުގެ ދެ ގަޑިއިރު ކުރިން އޭނާގެ ދައްތަވެސް މިނާގައި ހުރިކަން އެނގުމުން އޮފިސަރެއްގެ އެހީގައި އޭނާ ބުޝްރާ ހޯދިއެވެ.

"އަހަރެން ހިއެއް ނުކުރަން މިހާ ގިނަ ދުވަސް ފަހުން އަހަންނާއި އަހަރެންގެ ކޮއްކޮ ބައްދަލުވާނެ ކަމަކަށް. ނަމަވެސް ﷲ ޠަޢާލާ އިރާދަފުޅު ކުރެއްވީ އަހަންނާއި އޭނާ، މިދުނިޔެމަތީގެ އެންމެ މާތް ބިމުގައި، ބަރަކާތްތެރި ޢަޟްޙާ ޢީދުގެ ފުރަތަމަ ދުވަހު ބައްދަލުވުމަށް. އެކަލާނގެ އަހަރުމެންގެ ބައްދަލުވުން ޚާއްސަ ކުރެއްވެވި" ނުހަނު އުފަލާއެކު ބުޝްރާ، ސައުދީގެ ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ބުންޏެވެ.

މިއަދު އޮންލައިން