ވަގަށް ނަގާފައިވާ ރައްޔިތުންގެ ފައިސާ ހުރިތަންތަން ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި އެނގުނު ނަމަވެސް ޝަރީއަތްކޮށް ފައިސާތައް އަތުލެވޭނީ ތަޙްޤީޤްކޮށްގެން ކަމަށް ޤާނޫނީ ވަކީލު ޙިސާން ހުސައިން ވިދާޅުވެއްޖެއެވެ.
ކޯލިޝަނުން ކޮޅުނބުގައި އިއްޔެ ބޭއްވި ޖަލްސާގައި ހިސާން ވިދާޅުވީ ޙަލާލު ނޫން ފައިސާ "ގެއަށް ވެއްދި" ކަމަށް ވިދާޅުވުމުން އެކަނިވެސް ވައްކަމުގެ ފައިސާތައް ވަން އެއްތަން އެއޮތީ އެނގެން ކަމަށެވެ. ދެން ބޭނުންވާ މައުލޫމާތު ހޯދޭނީ ތަޙްޤީޤްކޮށްގެން ކަމަށެވެ. އަދި އޭސީސީގެ ބަޔާނުން 1 މިލިއަން ޑޮލަރު ޖަމާވި އެކައުންޓު އެނގުމުން އެއޮތީ ދެވަނަތަން އެނގިފައި ކަމަށާއި އެ ފައިސާ ވެސް ހޯދޭނީ ތަޙްޤީޤްކޮށް ޝަރީޢަތަށް ފޮނުވައިގެން ކަމަށެވެ.
ހިސާން ވިދާޅުވީ ކޮރަޕްޝަނާއި ވައްކަމުގެ މައްސަލަތައް ތަޙްޤީޤު ކުރުމުގެ ބޭނުމެއް ނެތްކަމަށް ބުނި ނަމަވެސް އެކަންކަން ތަޙްޤީކުރަންޖެހޭ ކަމަށެވެ. ތަޙްޤީޤް ނުކޮށް ރައްޔިތުންނަށް ލިބެންޖެހޭ ފައިސާ ނުހޯދޭނެ ކަމަށެވެ.
ޙިސާން ވިދާޅުވީ ދައުލަތުގެ ފައިސާ އިން ދުވަހަކުވެސް ވައްކަން ނުކުރާ ވަރަށް މި ސަރުކާރުގައި ވަނީ ވައްކަންކޮށްފައި ކަމަށާއި ވަގަށް ނަގާފައިވާ ފައިސާތައް ހޯދައި ރައްޔިތުންގެ އެކައުންޓަށް ޖަމާކުރެވުމުން ދަރަނިވެރިވެ ރައްޔިތުންގެ ބޭނުންތައް ފުއްދަމުން ގެންދެވޭނެ ކަމަށެވެ.