މަހަކު 40- 60 ރުފިޔާ އެއްކޮށްގެން 43 އަަހަރުން ފައިސާ ހަމަކޮށްގެން ޙައްޖަށް ދިއުމުން މަރުވި މީހާއަށް ގިނަ ބައެއްގެ ތައުރީފް
ހައްޖަށް ދިއުމަށް ފައިސާ އެއްކުރާތާ 43 އަހަރުވީފަހުން ހައްޖަށް ދެވުނު ޕާކިސްތާނު މީހަކު ޙައްޖުގައި ނިޔާވެފައިވާ ކަމުގެ މައުލޫމާތު ހާމަކުރުމުން ގިނަ ބައަކު ދަނީ އޭނާގެ ހިއްވަރަށާ ސާބިތުކަމަށް ތައުރީފް ކުރަމުންނެވެ.
ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ޕާކިސްތާނުގައި ކުރަން ޖެހެނީ ރާއްޖޭގެ ނިޞްބަތުން ވަރަށް ކުޑަ ހޭދައެކެވެ. ބައެއް ޖަމާއަތްތަކުން 20،000- 30،000 ދިވެހި ރުފިޔާއަށް ވެސް ޙައްޖު ދަތުރު ހަމަޖައްސައިދެއެވެ.
އެހެންކަމަށްވާއިރު 43 އަހަރުވަންދެން ޙައްޖަށް ދިއުމަށް ފައިސާ އެއްކުރަންޖެހުމުން އޭނާގެ މާލީ ނިކަމެތިކަން ވަރަށް ރަނގަޅަށް ހާމަވެއެވެ. ހައްޖުވުމުގެ އަގަކީ 30،000 ރުފިޔާ ކަމަށް ބަލައިފިނަމަ އޭނާ އެވަނީ އެވްރެޖްކޮށް އަހަރަކު 700 ރުފިޔާވަރު ޖަމާކޮށްފައެވެ. އެއިރުން އޭނާއަށް ޖަމާކުރެވިފައި އެވަނީ މަހަކު 60 ރުފިޔާއަށްވުރެ މަދު އަދަދެކެވެ. 20،000 ރުފިޔާ ކަމަށް ބަލައިފިނަމަ އަހަރަކު 465 ރުފިޔާއެވެ. އެއިރުން އޭނާއަށް ޖަމާކުރެވިފައި އެވަނީ މަހަކު 40 ރުފިޔާއަށްވުރެ މަދު އަދަދެކެވެ.
އެނާގެ ސާބިތުކަމަށާއި ތަޤްވާވެރިކަމަށް އަދި ޙައްޖަށް ދިއުމަށްޓަކައި ވެފައިވާ މަތިވެރި ޤްރްބާނީއަށް ގިނަ ބައަކު ތައުރީފްކޮށް ހެޔޮ ދުޢާ ކުރަމުން ގެންދާކަމީ އިންތިހާއަށް އުފާކުރަންޖެހޭ ކަމެކެވެ. ގިނަ ބައެއްގެ ހެޔޮ ދުޢާ ލިބުމަކީ އެމީހަކަށް ﷲ ތަޢާލާގެ ހަެޔޮ ރަޙްމަތްފުޅު މިންވަރުކުރެއްވެވުމަށް މެދުވެރިވެގެންދާނެ ސަބަބެކެވެ.
މިފަދަ ހިއްވަރަކާއި ވިސްނުމެއް އަދި އީމާންކަމާއި ކެތްތެރިކަމެއް ދިވެހިންނަށް ވެސް ލިބުމަކީ ހާދަ މަތިވެރި ނިއުމަތަކަށްވާނެއެވެ! ރާއްޖޭގައި ތަނަވަސްކަމެއް ނެތް މީހުން އެބަތިއްބެވެ. ވަރަށް ފަޤީރު ޙާލުގައި ދިރިއުޅޭ ބައަކުވެސް އެބަތިއްބެވެ. ނަމަވެސް ރާއްޖޭގެ އާބާދީއަށް ބަލައިފިނަމަ ގިނައީ ޙައްޖަށް ދިއުމަށްޓަކައި މަހަކު ކޮންމެވެސް މިންވަރެއް ޖަމާކުރެވޭނެ މީހެކެވެ.
މިސާލަކަށް ބަލައިފިނަމަ މަހަކު އެންމެ 500 ރުފިޔާ ރައްކާކުރި ނަމަވެސް އަހަރަކު 6،000 ރުފިޔާ ކަމާކުރެވޭނެއެވެ. މިހާރު ހުރި އަގުން ބަަލއިފިނަމަ 12 އަހަރުން ހައްޖަށް ދެވޭނެއެވެ. މަހަކު 1000 ރުފިޔާ ޖަމާކޮށްފިނަމަ 12 އަަހަރުން ދެމަފިރިންނަށް ޙައްޖަށް ދެވޭނެއެވެ.