ރޭ ވަޅި ޖަހާފައި ފިލަން ދުވި މީހާ އަތުލައިގަތް ޓްރެފިކް ފުލުހަށް އިދިކޮޅު ޕާޓީތަކާއި ގިނަ ބައެއްގެ ތަޢްރީފް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ރޭ ވަޅި ޖަހާފައި ފިލަން ދުވި މީހާ އަތުލައިގަތް ޓްރެފިކް ފުލުހަށް އިދިކޮޅު ޕާޓީތަކާއި ގިނަ ބައެއްގެ ތަޢްރީފް
މީހެގެ ގައަށް ވަޅި ޖެހުމަށްފަހު ފިލަން ދުވި މީހާ އަތުލައި ގަތުމުގެ އިސްކޮށް ހަރަކާތްތެރިވި ޓްރެފިކް ފުލުހުންގެ މީހާއަށާއި އެކަމުގައި އެހީތެރިވި ޢާންމުންނަށް އިދިކޮޅު ޕާޓީތަކުންނާއި ޢާންމުންގެ ގިނަ ބައަކު ގެންދަނީ ތަޢްރީފްކުރަމުންނެވެ.

ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވީ ޓްރެފިކް ފުލުހުންގެ މީހާ އެ އަދާކުރީ ވަރަށް ބޮޑު ޤައުމީ ޒިންމާއެއް ކަމަށާއިވަޅި ހަރާމީހުންގެ ކިބައިން މުޖުތަމައު ސަލާމަތް ކުރުމަށް، އެފަދަ ކަންކަން ކުރާ މީހުން އަތުލައި ގަތުމަށް ފުލުސް މީހާ އެކުރި މަސައްކަތްތަކަށް ތަޢްރީފް ކުރައްވާ ކަމަށެވެ. މާރިޔާ ވަނީ ކުށް ކުރާ މީހުން އަތުލައިގަތުމަށް ފުލުހުން އަދާކުރާ ދައުރު މިހާރަށްވުރެ ފުޅައުކޮށްދިނުމަށް ވެސް އެދިވަޑައިގެންފައެވެ.

ކޯލިޝަނުގެ ސަރުކާރެއްގައި ފުލުހުންގެ ދައުރު ފުރިހަމައަށް އަދާކުރުމުގެ ފުރުޞަތު ފުލުހުންނަށް ފަހިކޮށްދެއްވާނެ ކަމަށާއި ފުލުހުންނަކީ އަބަދު ސިޔާސީ މީހުންގެ ފަހަތުން އަޅައިގެނެގެން އުޅޭ ބައެއްގެ ގޮތުގައި ނުބައިތިއްބާނެ ކަމަށް ރަނިންމޭޓް ފައިޞަލް ނަސީމް ވެސް ވަނީ ވިދާޅުވެފައެވެ.

ޓްރެފިކް ފުލުހަކު ކުރި އަގުހުރި ޚިދުމަތަކަށް މީގެ ކުރިންވެސް ވަނީ ގިނަ ބައެއްގެ ތަޢްރީފް ލިބިފައެވެ. އެއީ ޓްރެފިކްގައި ތާށިވެފައި އޮންނަން ޖެހުނު ކާރެއްގައި އޮތް ބަލި ކުއްޖަކު ވަރަށް އޯގާތެރިކަމާއިއެކު އުފުލާލައިގެން އޯގާތެރިކަމާއިއެކު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ދިނުމުންނެވެ.

މިއަދު އޮންލައިން