ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ރޭ އިންޓަނެޓްގެ ހިދުމަތް މެދުކެނޑުމުން 1414 ބޭނުން ކުރުމަށް ދަތިތަކެއް ކުރިމަތިވި ނަމަވެސް މިހާރު އެކަން ހައްލުކުރެވިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
މިއަދަކީ އީސީއިން އަލުން ނެރެފައިވާ ވޯޓާރސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ އެންމެ ފަހު ދުވަސް ކަމުގައިވާއިރު، 1414 ގެ ހިދުމަތް މެދުކެނޑުމުން ގިނަ ބަޔަކު ވަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި ރޭ މެންދަމުން ފެށިގެން އެހިދުމަތް މެދުކެނޑިފައިވަނީ އިންޓަނެޓް އަދި މޮބައިލް ޑޭޓާއަށް ދިމާވެފައިވާ މައްސަލައެއްގެ ސަބަބުންނެވެ. އަދި މީގެ އިރުކޮޅެއް ކުރިން އެކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އިންޓަނެޓުގެ މައްސަލަ ހައްލުކޮށް ކުރިއެކޭވެސް އެއްފަދައިން މިހާރު 1414 އަށް މެސެޖުކޮށްގެން ވޯޓަރސް ރެޖިސްޓްރީ ޗެކް ކުރެވޭނެ ކަމަށެވެ.