މާލޭގައި ރޭ މީހަކަށް ވަޅިން ހަމަލާ ދިނުމަށް ފަހު ފިލަން ދުވި މީހަކު އަތުލައިގަތް ޓްރެފިކް ފުލުސްމީހާ ދެއްކި ނަމޫނާ، ފުލުހުން ކޮންމެ ދުވަހަކު ވެސް ދެއްކުމަށް އިދިކޮޅު ކޯލިޝަން ކެންޑިޑޭޓްގެ ރަނިންމޭޓް ފައިސަލް ނަސީމް މިއަދު ގޮވާލައްވައިފި އެވެ.
ކ. އަތޮޅުގެ ބައެއް ރަށްތަކަށް ފެއްޓެވި ދަތުރުގައި ހިންމަފުށީގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ، "އަޅުގަނޑު އެދެން، ރޭ އެ ފުލުސް މީހާ ދެއްކި ނަމޫނާ، ފުލުހުން ކޮންމެ ދުވަހަކު ވެސް ދެއްކުމަށް. އަބަދުވެސް ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމަށް،'' ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ފައިސަލް ވިދާޅުވީ ރައްޔިތުންނަކީ ފުލުހުންނަށް އެންމެ މުހިއްމު މީހުން ކަމުގައި ދެކި، ރައްޔިތުންގެ އިތުބާރު ހިފޭ ބަޔަކަށް ވުމަށް ފުލުހުންނަށް އިލްތިމާސް ކުރައްވާކަމަށާޢި އަދި ވަކި ސިޔާސީ މީހަކު ބޭނުންވާ ގޮތަށް ކަންކަން ކުރުމުން، ފުލުހުންގެ މުއައްސަސާއަށް ރީތި ނަން ނުލިބޭނެ ކަމަށެވެ.
ކޯލިޝަންގެ ސަރުކާރެއްގައި ފުލުހުންނަކީ ޝަރަފްވެރި ކަމާއި އިއްޒަތާއި ކަރާމާތާ އެކު، ރައްޔިތުންނަށް ހިދުމަތް ކުރާ ބައެއް ކަމުގައި ހަދާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.