މާލެއާއޮ ހުޅުލެއާއި ދެމެދު އަޅާ "ސިނަމާލެ ބްރިޖު" ހަވާ އެރުވުމާއެކު މާދަމާ ރަސްމީކޮށް ހުޅުވާނެ ކަމަށާއި، ނަމަވެސް ބްރިޖު މަތިން ދަތުރު ކުރުން ފެށޭނީ މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 7 ވަނަ ދުވަހު ކަމަށް ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބްރިޖު ހުޅުވުމާއި ބެހޭ ގޮތުން މައުލޫމާތު ދެއްވުމަށް މިއަދު ހައުސިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މާދަމާ ރޭ ބްރިޖު ހުޅުވާއިރު ހަވާއެރުމުގެ ކަންކަން އެމްއެންޑީއެފް އިން ކުރާއިރު، ހަވާ އެރުވުމުގައި ދުނިޔޭގެ ރިކޯޑު އޮންނަ ފަރާތެްއ ވެސް ބައިވެރިވާނެ ކަމަށެވެ.
ސިނަމާލެ ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތުގައި ހަވާ އަރުވައިފިނަމަ "ވައިބްރޭޝަން" ގެ ސަަބަބުން ބްރިޖުގައި ރެނދުލައި ގެއްލުންވާނެ ކަމަށް ބައެއް ފަރާތްތަކުން މީސްމީޑިއާގައި ވާހަކަ ދައްކާފައިވާ ކަމަށާއި ނަމަވެސް އެކަމުގެ ސަބަބުން ބްރިޖަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
މާދަމާ ރޭ ރަސްމީކޮށް ސިނަމާލެ ބްރިޖު ހުޅުވަން ނިންމާފައިވީ ނަމަވެސް، ބްރިޖުމަތީގެ ދަތުރުތައް ފަށާނީ އަންނަ މަހުގެ ހަތްވަނަ ދުވަހު ކަމަށް ވެސް ހައުސިން މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ހުޅުލެއާއި ހުޅުމާލެއަށް ދަތުރު ކުރެވޭނެ އިންތިޒާމުތައް ވެސް ހަމަޖައްސަވާނެ ކަމަށާއި އެގޮތުން އެމްޕީއެލް ގެ ބަސްތަކުގެ ދަތުރުތައް އެދުވަހުން ފެށިގެން ފަށާނެ ކަމަށެވެ.
މާދަމާ ރޭ ސިނަމާލެ ބްރިޖު ހުޅުވުމަށްފަހު، ބްރިޖު ހުޅުވުން ފާހަގަ ކުރުމުގެ ގޮތުން ތަފާތު ހަރަކާތްތަކެއް ހިންގާނެ ކަމަށާއި އެގޮތުން 31 އޯގަސްޓްގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި އޮންނާނީ ބްރިޖުމަތީގައި އޮންނަ ކައިވެނިތައް ކުރުން ކަމަށް ހައުސިން މިނިސްޓަރ ވިދާޅުވިއެވެ.
ކައިވެނިތައް ކުރުމުގެ ހުރިހާ އިންތިޒާމުތަކެއް ކުރިއަށްދާއިރު، ބްރިޖު މަތީގައި ފުރަތަމަ ކުރުމަސް ހަމަޖެހިފައިވަަނީ ފަސް ކައިވެނި ކަމަށާއި އެދުވަހުގެ ހަވީރު 16:00 އާއި 18:00 އާއި ދެމެދު އެހަރަކާތް ކުރިއަށް ދާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ބްރިޖު މަތީގައި ކައިވެނި ކުރުމަށްފަހު، އެރޭ 21:00 ޖަހަން ދެން ބްރިޖު މަތީގައި ފޮޓޯ ނެގުމުގެ ފުރުސަތު ދޭނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.