އެޑްވާންސަށް ވައްކަންކުރާ ވާހަކަ ދިފާޢުކޮށް ނިހާން ދެއްކި ވާހަކައިންވެސް ފަޅާއެރީ "ވައްކަން"!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 11ސ
އެޑްވާންސަށް ވައްކަންކުރާ ވާހަކަ ދިފާޢުކޮށް ނިހާން ދެއްކި ވާހަކައިންވެސް ފަޅާއެރީ "ވައްކަން"!
އެޑްވާންސަށް ވައްކަން ކުރުމަކީ މައްސަލައެއް ނޫން ކަމަށް ވިދާޅުވެ ރައީސް ޢަބްދުﷲ ޔާމީން ދުވާފަރުގައި ދެއްކެވި ވާހަކަފުޅު ދިފާޢު ކުރައްވައި ޕީޕީއެމްގެ ޕީޖީ ލީޑަރު އަޙްމަދު ނިހާން މިއަދު ދެއްކެވި ވާހަކަފުޅުންވެސް "ވައްކަން" ފަޅާއަރައިފިއެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާން ވިދާޅުވީ ދުވާފަރު ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ "ރ. އަތޮޅު ދުވާފަރުގެ ރައްޔިތުންގެ ތަރައްޤީއަށްޓަކައި އެޑްވާންސްކޮށް އިތުރަށް ހޯދައިގެން މަސައްކަތެއް ކޮށްގެން ނަމަވެސް ދުވާފަރު ތަރައްޤީ ކުރަން ބޭނުމޭ" ކަމަށެވެ. "ދުވާފަރު އެކަންޏެއް ނޫން. 187 ރަށް އެބައޮތް މީހުން ދިރިއުޅޭ."

ނިހާން މިމޭރުމުން ވިދާޅުވެފައިވާއިރު ރައީސް ޔާމީން ދުވާފަރުގައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވި ޢިބާރާތުގެ އަޑު ރައްޔިތުންނަށް އިވިފައިވަނީ އަދި މިހާރު އަޑުއެހުމުން ވެސް ތަފާތުކޮށްކަން ފާހަގަކުރެވެއެވެ.

ދުވާފަރުގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވިއަޑު ނިހާން ނޫން އެންމެންނަށް އިވެނީ "ދުވާފަރުގެ މުސްތަޤްބަލް އުޖާލާ ކުރުމަށްޓަކާ އެންމެ ރަނގަޅުތާ އެޑްވާންސަށް ވައްކަން ކުރިއަސް." ކަމަށެވެ. އެހެންކަމުން ފަހުމްވުމާއި އަޑު އިވުމުގައި މައްސަލަތަކަކާއި ތަފާތުތަކެއް އެބަހުރިކަން މިވަނީ ވަރަށް ރަނގަޅަށް ހާމަވެފައެވެ.

ނިހާން ވިދާޅުވީ ސާބިތު ނުހިފޭ ކަންކަމުގައި ވަގަށް ގޮވާ ރެކޯޑްތައް މިގެންދަނީ ބަލަހައްޓަމުން ކަމަށާއި ވަގުތު ޖެހުމުން އެއިގެ ބޭނުން ނުހިފާނެ ކަމަށް ނުވިސްނުމަށް ގޮވާލައްވާ ކަމަށެވެ.

އެމްއެންޑީއެފާއި، ޕޮލިސް ސާވިސްއާއި، ޕްރޮސެކިއުޓަރ ޖެނެރަލް ޓެގު ކުރައްވައި ގާސިމް އިބްރާހީމް ކުރެއްވެވި ޓްވީޓުގައި ވިދާޅުވީ އެޑްވާންސަށް ވައްކަން ކުރިޔަސް އެންމެ ރަގަޅު ކަމަށް ރައީސް ޔާމީން ވިދާޅުވި ވިދާޅުވުމަކީ އިސްލާމްދީނުގެ އަސްލަކާ ޚިލާފު އަދި ރާއްޖޭގެ ގާނޫނުއަސާސީއާ ވެސް ޚިލާފު ވާހަކައެއް ނޫންތޯއެވެ.

މީގެ އިތުރުން އެމްއެންޑީއެފާއި، ޕޮލިސް ސާވިސްއާއި، ޕީޖީއަށް އަމާޒުކުރައްވައި ގާސިމް އިބްރާހީމް ވަނީ އެފަދަ ކަމެއް ކުރުމަށް ހިތްވަރުދިނުމަކީ ވެސް ހަރާމް ކަމެއް ނޫންތޯ ސުވާލުކުރައްވާފައެވެ.

ގާސިމް ވިދާޅުވީ ރައީސް ޔާމީން ކޮންމެ ވާހަކައެއް ދެއްކެވި މަމަވެސް ކޮންމެ ފަދަ ހަރާމް ކަންތައްތަކެއް ކުރެއްވި ކަމަށް ރައްޔިތުންނަށް އެނގޭ ގޮތަށް މީޑިއާ ކުރިމަތީގައި އޮޅުމެއް ނެތް ސާފުބަހުން އިއުތިރާފުވަމުން ދާއިރުވެސް އެކަންކަން ބެލޭނެ ގާނޫނީ މުއައްސަސާއެއް ގައުމުގައި ނެތުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ.

ޚަބަރުގެ ތިރީގައި އެވަނީ ރައީސް ޔާމީން ވިދާޅުވި ބަސްފުޅާއި ނިހާން ވިދާޅުވި ބަސްފުޅެވެ. ޚަބަރުގައި އެވަނީ ޤާސިމް އިބްރާހީމް ކުރެއްވެވި ޓްވީޓެވެ.

ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގެ ވީޑިއޯ:


ނިހާން ދެއްކެވި ވާހަކަފުޅުގެ އޯޑިއޯ:
މިއަދު އޮންލައިން