ރައީސް ޔާމީން ފިއްލަވާ ދުވަސް ވަރަށް ގާތްވެއްޖެ: ޤާސިމް އިބްރާހީމް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 41ސ
ރައީސް ޔާމީން ފިއްލަވާ ދުވަސް ވަރަށް ގާތްވެއްޖެ: ޤާސިމް އިބްރާހީމް
ރައީސް އަބްދުﷲ ޔާމީން ފިއްލަވާ ދުވަސް ވަރަށް ގާތް ވެއްޖެ ކަމަށް ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައީސް ޔާމީނަށް ފާޑުވިދާޅުވެ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

ގާސިމް ވިދާޅުވީ ރައީސް ޔާމީން ރާއްޖެ ދޫކުރައްވައި ފިއްލަވައިގެން ވަޑައިގަންނަވާނެ ދުވަސް މާދުރަކު ނެތް ކަމަށެވެ. ރައީސް ޔާމީން ވަޑައިގަންނަވާނީ ހަލާލް ނޫން ގޮތުގައި އެއްކުރެއްވި ގިނަ ފައިސާ ހިއްޕަވައިގެން ކަމަށް ގާސިމް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިހާތަނަށް އެހީތެރިވި އަނިޔާ ނުދެވި ތިބި 10 ވަރަކަށް މީހުންނަށް ލަނޑުދެއްވާފައި ފިއްލަވާނެ ކަމަށެވެ. ގާސިމް ވިދާޅުވީ ރައީސް ޔާމީން ފިއްލަވައިގެން ވަޑައިނުގެންފިނަމަ އޮންނަވާނީ ޖަލުގައިކަން އެމަނިކުފާނަށް ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.

ރިޔާސީ ކެންޑިޑޭޓާއި އިދިކޮޅު ކޯލިޝަނުގެ މެންބަރުން ވިދާޅުވަމުން ގެންދަވަނީ މާތް ﷲ ވާގިފުޅާއިއެކު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްފަހު ފުރަތަމަ ކަމެއްގެ ގޮތުން ކުރާނެ މަސައްކަތަކީ ދައުލަތުގެ ފައިސާއިން ވަގަސްނަގާފައިވާ އަދި އިސްރާފުކޮށްފައިވާ ފައިސާތައް އަނބުރައި ދައުލަތަށް ހޯދުމުގެ މަސައްކަތް ކަމަށެވެ.

ކޯލިޝަނުން މިމޭރުމުން ބުނަމުން ގެންދަނީ ދައުލަތުގެ ޚަޒާނާއިން އެތައް ބިލިއަން ރުފިޔާއެއް ގެއްލިފައިވާކަމަށް ދައުލަތުގެ އޮޑިޓް ރިޕޯޓްތަކުންވެސް ހާމަވެފައިވާތީއެވެ. މިގޮތުން އެމްއެމްޕީއާރްސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ބޭރުގެ ފަރާތްތަކަށް ކުއްޔަށްދީ ނުވަތަ ވިއްކައިގެން އެޑްވާންސްކޮށް ބޮޑެތި އަދަދުތަކުން ފައިސާ ނަގައި އެފައިސާއަށް ޚިޔާނަތްތެރިވެފައިވާކަން ވަނީ ހާމަވެފައެވެ. އަދި ރާއްޖޭގެ ތާރީޚުގައި ހިނގާފައިވާ ކޮރަޕްޝަނުގެ އެންމެ ބޮޑު އަމަލު ހިނގާފައިވަނީ މިސަރުކާރުގައި ކަމަށް ޚުދު ރައީސް ޔާމީން ވެސް ވަނީ އިއުތިރާފުވެވަޑައިގެންފައެވެ. މީގެ އިތުރުން އެމަނިކފާނުގެ ގެކޮޅު، ގ. ދޫވެސަށް ވަދެފައިވަނީ ޙަލާލް ނޫން ފައިސާކަމަށްވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.




މިއަދު އޮންލައިން