ރާއްޖޭގެ ފަސްގަނޑުން ވެލިފުކެއްވެސް ބޭރުގެ ފަރާތަކަށް މިލްކުވުމަކީ ދިވެހި ފަސްގަނޑު ދެކެ އިޚްލާޞްތެރި ކަމާއިއެކު ލޯބިވާ ދިވެހި އެންމެ ރައްޔިތަކުވެސް އެއްގޮތަކަށްވެސް ބޭނުންވާ ކަމެއް ނޫން ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނަޢީމް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން މިރޭ މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި އަނާރާ ވިދާޅުވީ މިއަދު ދިވެހި ރައްޔިތުން އެންމެ ބޮޑަށް ކަންބޮޑުވާ އެއް މައްސަލައަކީ ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކުވާ ގޮތަށް ޤާނޫނު އަސާސީއަށް ބަދަލު ގެނެސްފައި އޮތް މައްސަލަކަމަށެވެ.
އަނާރާ ވިދާޅުވީ ގުޅިފައިވާ ކޯލިޝަނުން އެންމެ ބޮޑު ސަމާލުކަމެއް ދޭނީ ރާއްޖޭގެ ބިމަކީ ދިވެހިންގެ އެކަނި މިލްކެއްގެ ގޮތުގައި ބޭއްވުމަށާއި އެންމެ އިސްކަންދެނީ އިސްލާމް ދީނާއި ޤައުމުގެ މިނިވަންކަން ހިމާޔަތްކުރަން ކަމަށެވެ.
އަނާރާ ވިދާޅުވީ ރާއްޖޭގައި އިސްލާމް ދީން ދެމިއޮންނަތާ 900 ވަރަކަށް އަހަރު ވެފައިވާއިރު ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި 900 އަހަރު ދެމިއޮތީ ރައީސް ޔާމީނާއި ޑރ. ޝަހީމްގެ ސަބަބަކުން ނޫން ކަމަށެވެ. ދިވެހިން އެހެން ދީނެއް ބޭނުން ނުވާތީ ކަމަށެވެ.