ފަތުރުވެރިން ގޮވައިގެން ދަތުރުކުރި "ހަމަތި" ނަމަކަށް ކިޔާ ސަފާރީއެއް ވ.ރަކީދޫ ފަރަށް އަރައިފި އެވެ.
މި ހާދިސާގެ ރިޕޯރޓް އެމްއެންޑީއެފް ކޯސްޓްގާޑް އެމްއާރުސީސީއަށް ރޭ ފަތިހު 5:30 ހާއިރު ލިބުމާއި އެކު އެމްއެންޑީއެފް ކޯސްޓްގާޑްގެ ފާސްޓް އިންޓަސެޕްޓް ކްރާފްޓް "ވެލާނާ" ލޯންޗު ވަނީ ޑައިވަރުންގެ ޓީމަކާ އެކު އެސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައެވެ.
.މ.އަތޮޅުން ފުރައިގެން ކ.ގުރައިދުއަށް ދަތުރުކުރި މި ސަފާރީ ފަރަށް އެރިއިރު ސަފާރީގައި 10 ފަތުރުވެރިންނާއި ޓުއަރގައިޑެއްގެ އިތުރުން ފަސް ފަޅުވެރިން ދަތުރުކުރިއެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދިނެވެ.
މި ސަފާރީ ފުންކުރުމުގެ މަސައްކަތް ސަފާރީގެ ވެރިފަރާތާއި ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ދަނީ އެހީތެރިވަމުން އެވެ