ހަމަނުޖެހުން ހިންގަނީ ރަށުގަ ދަމާ ފޮތްޗާއި އެއްވަރަށް ރަށުން މީހުން ނުނުކުންނާތީ އިބޫއަށް އޮތް ތާއީދު ހަޖަމް ނުކުރެވިގެން: ފުވާދު
ރަށްރަށުގައި ހަމަނުޖެހުން ހިންގައި މީހުން ހައްޔަރުކުރަމުން ގެންދަނީ ރައީސް ޔާމީނަށް ތާއީދުކޮށް ރަށް ރަށުގައި ދަމާ ފޮތްޗާއި އެއްވަރަށް ރަށުން މީހުން ނުނުކުންނާތީ އިބޫއަށް އޮތް ތާއީދު ހަޖަމް ނުކުރެވިގެން ކަމަށް ވިލިނގިލި ކައުންސިލް މެންބަރު ފުވާދު ވިދާޅުވެއްޖެއެވެ.
ފުވާދު މިއަދު ވިދާޅުވީ އިބޫއަށް މަރުޙަބާ ކިޔަން ގއ އަތޮޅުގެ ހުރިހާ ރަށަކުންވެސް ވަރަށް ގިނަ ބައަކު ނުކުންނާނެ ކަމަށެވެ. ރައީސް ޔާމީނަށް ތާއީދުކުރަން ނުކުތް މީހުންނަށްވުރެ މާގިނަ އަދަދެއްގެ ބައަކު ނުކުންނާނެ ކަމަށެވެ.
ކޮލަމާފުށިން މިހާރުވެސް ވަނީ 18 މީހުން ހައްޔަރުކޮށްފައެވެ. ފުވާދު ވިދާޅުވީ މީހުން ހައްޔަރުކުރި ވަރަކަށް ސަޕޯޓް ދާނީ އިތުރުވަމުން ކަމަށެވެ. އެހެންކަމުން އެކަމުން ލިބޭނީ އިތުރު ކުރިއެެރުން ކަމަށެވެ.
ޕީޕީއެމުން ރޭ ޕްރެސް ކޮންފަރެންސެއް ބާއްވައި ފާހަގަކޮށްފައިވާ ބައަކު ފުލުހުން މިއަދު ހައްޔަރުކުރުމުންވެސް ފުވާދު ވަނީ ސުވާލުތަކެއް އުފައްދަވައިފައެވެ. "ޕީޕީއެމުގެ ޕްރެސް ކޮންފަރެންސްތަކުގައި ފާހަގަކުރާ ކަންކަން ފުލުހުން ކުރަމުން ގެންދިއުމަކީ އަބަދުވެސް ތަކުރާރުކޮށް ފެންނަމުން އަންނަ ކަމެއް"
ފުވާދު ވިދާޅުވީ ރައީސް ޔާމީން ކުރެއްވި ދަތުރުފުޅާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން އެއްވެސް ހަމަނުޖެހުމެއް ހިންގާފައި ނުވާނެ ކަމަށެވެ. އަދި އިބޫގެ ދަތުރުފުޅާއި ގުޅިގެންވެސް އެއްވެސް ހަމަނުޖެހުމެއް ނުހިންގަން ޕީޕީއެމްގެ ސަޕޯޓަރުން އެއްބަސްވި ކަމަށާއި އެއްބަސްވުން އުވާލައި ހަމަނުޖެހުން ހިންގަން ފެށީ އިބޫއަށް އޮތް ތާއީދު މާބޮޑުކަން ޔަޤީން ކުރެވުމުން އެކަން ޙަޖަމް ނުކުރެވިގެން ކަމަށެވެ.