ގއ. ކޮލަމާފުށީގައި ކެންޕޭން ހަރަކާތްތައް ކުރިއަށް ގެންދެވޭނެ މާހައުލެއް މިވަގުތަކު ނެތް ކަމަށާއި އެފަދަ ސަބަބުތަކާއި ހުރެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ކޮލަމާފުށްޓަށް ވަޑައިގަތުން މަޑުޖައްސާލަން ލަފާދީ އެކަމަށް އިލްތިމާސްކޮށްފައިވާނެ ކަމަށް ފުލުހުން ބުނެފިއެވެ.
މީޑިއާއަށް މައުލޫމާތު ދެއްވަމުން ޝިފާން ވިދާޅުވީ އެގޮތަށް ލަފާދިނީ އެރަށަށް އިބޫ މިވަގުތު ވަޑައިގެންފިނަމަ ހިނގައިފާނެ ހާދިސާއަކާއި ގުޅިގެން ލިބިދާނެ ގެއްލުމަކުން ރައްޔިތުން ސަލާމަތްކުރުމަކީ ފުލުހުންގެ ވާޖިބަކަށްވާތީ ކަމަށެވެ.
ޝިފާން ވިދާޅުވީ އިބޫގެ ދަތުރު މަޑުޖައްސާލަން އެދުނީ ވަކި ކެންޑިޑޭޓަކަށް ބޭނުންވާ ސެކިޔުރިޓީ ނުދެވިގެން ނޫން ކަމަށާއި އިބޫގެ ރައްކާތެރިކަމަށްޓަކައި ކަމަށެވެ. އިބޫ ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ފުރުޞަތު ފަހިކޮށްދިނުމަށް ކަމަށެވެ.
ޝިފާން ވިދާޅުވީ ފުލުހުން މަސައްކަތްކުރަނީ ކަންތައްތައް ވީހައި އަމާންކޮށް ކުރިއަށް ގެންދަން ކަމަށާއި ރައްޔިތުންގެ ކިބައިން އެދެމުންދަނީ އެކަންކަމަށް ބޭނުންވާ އެހީތެރިކަމަށް ކަމަށެވެ. "ހުރިހާ ދިމާއެއް ސަލާމަތީ ކަންކަން މިދަނީ ބަލަހައްޓަމުން. ފުލުހުންގެ ޚިދުމަތްދެމުން. މިހާރު ފުލުހުން ނެތް ރަށްރަށުގަ އިންތިޚާބު އަންނައިރު ފުލުހުން ތިބޭނެ."
ޝިފާން ވިދާޅުވީ 8 ރަށަކުން ހުށަހަޅާފައިވާ 8 މައްސަލައެއް ބަލަމުން ގެންދާ ކަމަށެވެ. އެގޮތުން ތަފާތު 3 ހާދިސާއަކަށް ނިޞްބަތްވާ 18 މީހަކު ކޮލަމާފުށިން މިހާރު ބަންދުކުރެވިފައިވާ ކަމަށެވެ. "މީހުންނަށް، މީހުންގެ މުދަލަށް ގެއްލުންދީގެން ފުލުހުންނާ ހަމައަށް މައްސަލައެއް ހުށަހެޅުނީމަ ފުލުހުން އެއްވެސް ވަރަކަށް ޓޮލަރޭޓެއް ނުކުރާނެ. އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ." ކަމަށް ވިދާޅުވެ ޝިފާން ވަނީ ރަށްރަށުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ފުލުހުން ކުރަމުން ގެންދާ މަސައްކަތްތަކަށް ޕާޓީތަކުގެ އެކްޓިވިސްޓުންގެ ފަރާތުން އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފައެވެ.
ނޫސްވެރިން ސުވާލުކުރަމުންދަނިކޮށް ޝިފާން ވަނީ މިއަދުގެ ބައްދަލުވުން ނިންމާލައިފައެވެ.
ޝިފާންގެ ވާހަކަފުޅު (އޯޑިއޯ):