އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ސޯލިޙު (އިބޫ) ގއ. ކޮލަމާފުއްޓަށް ވަޑައިގެންނެވުން ފަސްކުރުމަށް ފުލުހުން މިއަދު އެދިފައިވީ ނަމަވެސް، އެދަތުރު ފަސް ނުކުރާނެ ކަމަށް އެކޯލިޝަނުން ބުނެފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އިބޫގެ ދަތުރު ފަސް ކުރުމަށް ފުލުހުން އެދިފައިވަނީ ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް އާއި އެމްޑީޕީގެ ސަޕޯޓަރުންނާއި ދެމެދު އިއްޔެ ކޮލަމާފުށީގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ކޮލަމާފުށީގައި އިއްޔެ ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން އެރަށުގެ ސަލާމަތީ ކަންކަން، އިބޫ އެރަށަށް ވަޑައިގެންނެވުމަށް ތަން ނުދޭ ކަމަށެވެ. އެހެންކަމުން އިދިކޮޅު ކެނޑިޑޭޓް މިވގުތު އެރަށަށް ވަޑައިގަތުން ރައްކާތެރި ކަމަކަށް ނުވާނެތީ އެރަށަށް ދަތުރު ނުކުރުމަށް އިބޫގެ ކިބައިން ފުލުހުން އެދިފައިވާ ކަމަށް ވެސް ޝިފާން ވިދާޅުވިއެވެ.
ނަމަވެސް އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، އެކޯލިޝަންގެ ތަރުޖަމާނު މާރިޔާ ދީދީ ވިދާޅުވީ ފުލުހުންގެ އެއެދުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އެދުމެއް ކަމަށާއި ކެންޑިޑޭޓްގެ ސަލާމަތީ ކަންކަން ބަލަހައްޓަނީ އެމްއެންޑީއެފް އިން ކަމަށެވެ. އަދި ކޮލަމާފުށީގައި އިބޫއަށް ރައްކާތެރިކަން ނެތް ކަމަށް ފުލުހުން ބުނުމަކީ އެމްއެންޑީއެފް ގެ އަގު ވެއްޓޭ ކަމެއް ކަމަށާއި އެރަށުގައި ހިނގައިދިޔަ ކަންކަމާއި ގުޅިގެން މިހާތަނަށް އެމްއެންޑީއެފް އިން އިރުޝާދެއް ދީފައިނުވާ ކަމަށެވެ.