ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު ކަމަށްވާ ތާރީޚީ "ސިނަމާލެ ބްރިޖު" ގެ މަސައްކަތް ނިންމުމަށް އެގްރިމެންޓު ހެދިތާ ތިން އަހަރާއި 11 މަސް ފަހުން އެބްރިޖު ހުޅުވޭކަމީ ބޮޑު ޤައުމަކާއި ކުޑަ ޤައުމެއް ގުޅިގެން މަސައްކަތްތަކެއް ކުރިއަށް ގެންދެވޭނެކަމުގެ މިސާލެއް ކަމަށް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ސިނަމާލެ ބްރިޖު ހުޅުވުމުގެ ޚާއްސަ ރަސްމިއްޔާތުގައި މިރޭ ވާހަކަ ދައްކަވަމުން ރައީސް ޔަމީން ވިދާޅުވީ މިރޭ އިފްތިތާހް މިކުރެވުނީ ތަރައްގީއާއި ތަމައްދުންގެ އައު ރަން ޒަމާނެއް ކަމަށެވެ. އެގޮތުން ސިނަމާލެ ބްރިޖަކީ އިގްތިސާދީ ދޮރާއްޓެއްކަން ފާހަގަ ކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ އެބްރިޖުގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ފަސޭހަތަކެއް ކުރިމަތިވެ، މާލެއިން އެއާޕޯޓަށް ދާން ބޭނުންވާ ފަރާތްތަކަށް ވެސް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
"އަޅުގަނޑު ޤަބޫލުކުރަނީ އެންމެން ހަމަހަމަ ނޫން ނަމަވެސް، އެންމެންނަށް ހަމަހަމަ ފުރުސަތުތަކެއް ލިބެންޖެހޭނެ ކަމަށް" ރައީސް ޢަބްދުﷲ ޔާމީން ޤަބްދުލްޤައްޔޫމް ވިދާޅުވިއެވެ.