ޤައުމަށް އަގުހުރި ޚިދުމަތް ކުރުމުން އިނާމުދޭން ޖެހޭނެ ކަމަށާއި ނަމަވެސް ޤަނޫނުގައި ކުރުން މަނާ އަދި އިސްލާމް ދީނުގައި ކުރުން ޙަރާމް ހުރިހާ ކަމެއް ކުރީމާ ދޭންޖެހޭނީ އިނާމެއް ނޫން ކަމަށާއި ދޭންޖެހޭނީ ސުމެއް ކަމަށް ކުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ކޯލިޝަނުން މިރޭ ބ. ދަރަވަންދޫގައި ވާހަކަފުޅުދައްކަވަމުން ރައީސް ޢަބްދުﷲ ޔާމީން ކުރައްވަވާފައިވާކަމަށް ތުހުމަތު ކުރައްވާ ބައެއް ކަންކަން ހާމަކުރެއްވުމަށްފަހު ސަމީރު ވިދާޅުވީ މިފަދަ ކަންކަން ކުރެއްވުމުން އަރުވަންޖެހޭނީ އިނާމު ނޫން ކަމަށާއި ބުނަންޖެހޭނީ ނޫނެކޭ ކަމަށެވެ. އެގޮތުން ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހަކީ ރައްޔިތުން ރައީސް ޔާމީނަށް ނޫނެކޭ ބުނާނެ ދުވަސް ކަމަށެވެ.
ސަމީރު ވިދާޅުވީ ރައީސް ޔާމީނު ވެރކަމަށް ވަޑައިގަންނަވަމުން ވިދާޅުވީ ރާއްޖޭގެ ކަންކޮޅުތަކުގަ 4 ހުޅުމާލެ ތަރައްޤީ ކުރައްވާނަމޭ ކަމަށެވެ. "ކޮބައިތޯ އެ ވިދާޅުވި ހުޅުމާލެތައް؟ ކޮބައިތޯ މަސްވެރިންނަށާއި ދަނޑުވެރިންނަށް ދެއްވަން ވިދާޅުވި އިނާޔަތްތައް؟ ކޮބައިތޯ ޢާއިލީ ޑޮކްޓަރު؟ މިހެން ގޮސް ކިޔާނެ އެތައް ބައިވަރު ވައުދުތައް ނެތީތޯ؟"
ސަމީރު ވިދާޅުވީ 23 ވަނަ ދުވަހު ނަގާ ވޯޓުގައި ރައްޔިތުން ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙަށް ބޮޑުތަނުން ތާއީދުކުރީމާ ސިފައިންނާއި ފުލުހުން ރައްޔިތުންގެ ނިންމުމުގައި ކޮޅުފައިން ނުޖަހާނެ ކަމަށެވެ. އިރާދަކުރެއްވިއްޔާ އިންތިޚާބު ކާމިޔާބު ބޮޑުތަނުން ކާމިޔާބުކުރައްވާނީ އިބޫ ކަމަށެވެ.
ސަމީރުގެ ވާހަކަފުޅު (އޯޑިއޯ):