ހައްޖަށް ދާނެ ކޯޓާ ސައުދީ ސަރުކާރުން ދިނުމުންވެސް ޙައްޖަށް ދާން ރައްޔިތުން ދައްކާފައިވާ ފައިސާ އިންވެސް ޚަރަދުކުރަން ސަރުކާރަށް އުނދަގޫވާއިރު 5 މިނިޓުގެ އުފަލަކަށް 46 މިލިއަން ރުފިޔާ ޚަރަދުކުރީމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ރަނިންމޭޓް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ބ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން ކެންދޫގައި ވާހަކަފުޅު ދައްކަވަމުން މިމޭރުމުން ވިދާޅުވެފައިވާއިރު އިތުރަށް މިއަހަރުވެސް ވަނީ 1000 ކޯޓާ ލިބިފައެވެ. ހައްޖަށް މިއަހަރު މީހުން ގެންދިއަ އަގުކަމަށްވާ މީހަކަށް 70،000 ރުފިޔާގެ އަގުން ބެލި ނަމަވެސް 46 މިލިއަން ރުފިޔާއަށް 657 މީހުން ހައްޖަށް ފޮނުވޭނެއެވެ.
1000 ކޯޓާގެ ތެރެއިން 500 ކޯޓާ ޙައްޖު ކޯޕޮރޭޝަނަށް ދިނުމަށްފަހު 500 ކޯޓާއަށް ސަރުކާރުން ފޮނުވައިދިން ނަމަވެސް އެކަމަށް ޚަރަދުކުރަންޖެހޭނީ 35 މިލިއަން ރުފިޔާއެވެ.
ކޯލިޝަނުން ރޭ ބ. ދަރަވަންދޫގައި ބޭއްވި ޖަލްސާގައި ޤާނުނީ ވަކީލް ހިސާން ހުސައިން ވިދާޅުވީ 198 މިލިއަން ޑޮލަރު ޚަރަދުވި ބްރިޖް އެޅުމަށްފަހު ހުޅުވުމުގެ ރަސްމިއްޔާތަށް މިހައި ގިނަ އަދަދެއްގެ ފައިސާ އިސްރާފްކޮށްލުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
"އެ 46 މިލިއަން ރުފިޔާއިން 18 ރަށުގަ މިސްކިތް އެޅޭނެ. 15 ރަށުގަ ސްކޫލް އެޅޭނެ. އެތައް ރަށެއްގެ ނަރުދަމާ އެޅޭނެ. ސާފު ބޯފެނާ ނަރުދަމާގެ ޚިދުމަތް ނުލިބިގެންނާ، ވެހޭހައި ވާރޭގައި ދޭހައި އަތްވެއްގައި ކަނޑު ދަތުރުކޮށް ސްކޫލަށް ކުދިން ގެންދަން ރައްޔިތުން އުޅެމުންދާ ޙާލު ރައީސް ޔާމީނަށް ހަމަ ފެނިވަޑައިނުގަންނަވަނީތޯ؟" ވެސް ޙިސާން ވަނީ ސުވާލުކުރައްވައިފައެވެ.