ޤައުމު ކުރިއަރުވައި ތަރައްޤީ ކުރެވޭނީ ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކޮށްގެން ކަމަށްވާއިރު ދަރިން ތަރުބިއްޔަތު ކުރަން ހުރަސްއެޅޭ ފަދަ ވާހަކަތައް އެއްވެސް މީހަކު ނުދައްކަން ރަނިންމޭޓް ފައިޞަލް ނަސީމް ގޮވާލައްވައިފިއެވެ.
ބ. ކެންދޫގައި ވާހަކަފުޅު ދައްކަވަމުން ފައިޞަލް މިއަދު ވިދާޅުވީ ސްކޫލްތަކުގައި ކިޔަވައިދޭއިރު އިސްލާމް ދީނުގެ ހުކުމްތައް އުނގަންނައިދޭންޖެހޭ ކަމަށެވެ. ޙަރާމް ޙަލާލު ދަސްކޮށްދޭންޖެހޭ ކަމަށެވެ.
ފައިޞަލް ވިދާޅުވީ ވައްކަންކުރުމަކީ އެންމެ ރަނގަޅުކަމެއް ކަމަށާއި އެޑްވާންސްކޮށް ވައްކަން ކުރުމަކީ އެންމެ ރަނގަޅު ކަމެއް ކަމަށް ޤައުމުގެ އެންމެ އިސްވެރިޔާ ވިދާޅުވާނަމަ އެއީ އިސްލާމް ދީނުގައި ހަރާމް ކަމެއްކަން ދަރިވަރުންނަށް އަންގައިދޭން މުދައްރިސުންނަށް މައްސަލަތައް ހުންނާނެ ކަމަށެވެ.
ފައިޞަލް ވިދާޅުވީ ވައްކަން ފަދަ އިސްލާމް ދީނުގައި ޙަރާމް ކޮންމެ ކަމެއްވެސް އެއީ ޙަރާމްކަމެއްކަން ދަރިންނަށް އެންމެ ޅަފަތުންސުރެ އަންގައިދީގެން ނޫނީ ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން ސިޔާސީ ލީޑަރުން ނަމަވެސް ޤައުމުގެ ވެރިން ނަމަވެސް ޙަރާމް ކަންކަން ހުއްދަކޮށް ވާހަކަ ދައްކައިގެން ނުވާނެ ކަމަށެވެ.