ބޭންކުތަކުން ލޯނު ލިބުމަށާއި ބޭންކްތަކުން ހިންގާ ސްކީމްތަކުގައި ބައިވެރިވެ ޚިދުމަތް ހޯދަން މިހާރު ހުރި ހުރިހާ ހުރަސްތަކެއް ނައްތަވައިލައްވާނެ ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.
ގދ. ފިޔޯރީގައި ވާހަކަފުޅުދައްކަވަމުން އިބޫ މިއަދު ވިދާޅުވީ މަސްވެރިންނަށް ބޭނުންވާ ލޯނު ލިބުމަށާއި ސްކީމްތަކުގައި ބައިވެރިވަން ހުރަސްތައް ކުރިމަތިވަނީ މަސްވެރިންނަކީ މަހު މުސާރަ ލިބޭބައަކަށް ނުވާތީ އެމީހުންނަށް ލިބޭ އާމްދަނީއަކީ ލިބޭ އާމްދަނީއެއް ކަމުގައި ނުބަލާތީ ކަމަށެވެ.
އިބޫ ވިދާޅުވީ ކޯލިޝަނުގެ ސަރުކާރުން މަސްވެރިންނަށް ކުރިމަތިވެފައިވާ މި މައްސަލަ ހައްލުކޮށް މަސްވެރިންނަށް ބޭނުންވާ ލޯނު ލިބޭނެ ގޮތް ހަމަޖައްސައި ސްކީމްތަކުގައި ބައިވރިވެވޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށެވެ.
އިބޫ ވިދާޅުވީ ދުނިޔޭގެ އެންމެ މަޝްހޫރު ސަރފިންގ ޕޮއިންޓްތަކުގެ ތެރޭގައި ހިމެނޭ ސަރަހައްދެއް ފިޔޯރީ ފަރުގައި އެބައައޮތް ކަމަށާއި އެތަނުގެ ބޭނުން ރަނގަޅު ގޮތުގައި ހިފައި ލޯކަލް ޓޫރިޒަމް ފިޔޯރީގައި ތަރައްޤީކުރަން ލުއި ގޮތްގޮތުން ލޯނު ލިބޭނެ ގޮތް ހަމަޖައްސަވައި ދެއްވާނެ ކަމަށެވެ. މީގެ އިތުރުން ފިޔޯރީ ރައްޔިތުންނަށް ބޭނުންވެފައިވާ ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށްވެސް އިބޫވަނީ ވިދާޅުވެފައެވެ.