ރާއްޖޭގައި ތިބި އިންޑިއާ މީހުންނަށް ނުރައްކަލެއް އޮތްކަމަށް ދުށުމަކީ އެވާހަކަ ދައްކާ ސުބްރަމާނިއަމް ސްވާމީގެ އަމިއްލަ ޚިޔާލެއް ކަމަށާއި އެއީ އެއްވެސް ޙަޤީޤަތެއް އޮތް ކަމެއް ނޫން ކަމަށް އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު އަހްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ދިވެހި ސަފީރާ ޙަވާލާދީ އިންޑިއާގެ ބައެއް ނޫސްތަކުގައި ސަފީރު ވިދާޅުވިކަމަށް ބުނެފައިވަނީ ރާއްޖެއަކީ ރާއްޖޭގައި މަސައްކަތްކުރާ އަދި ރާއްޖެއަށް ޒިޔާރަތްކުރާ ބޭރު ޤައުމުތަކުގެ މީހުންނަށް ވަރަށް ބޮޑަށް ކަމޭހިތާ ޤައުމެއް ކަމަށެވެ. ޚާއްޞަކޮށް އިންޑިއާ ރައްޔިތުންނަށް ދިވެހިން އަބަދުވެސް ޚާއްޞަ ސަމާލުކަމެއް ދީގެން ކަމޭހިތާ ކަމަށެވެ.
އިންޑިއާއަކީ ރާއްޖޭގެ އެންމެ ގާތް ޤައުމު ކަމަށާއި ދެ ޤައުމަކީ ވިޔަފާރީގެ ގޮތުން ވެސް ވަރަށް ބޮޑަށް ގުޅިފައިވާ ދެ ޤައުމުކަން ސަފީރު ފާހަގަކުރެއްވި ކަމަށްވެސް ނޫސްތަކުގައި ބުނެފައިވެއެވެ.
ސިޔާސީ ގޮތުން ދެ ޤައުމުގެ ސަރުކާރުގެ މެދުގައި ބައެއް ފަހަރު މައްސަލަތައް އުފެދުނު ނަމަވެސް ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި ފަހުގެ ތާރީޚުގައިވެސް އެއްވެސް މައްސަލައެއް ކުރިމަތިވެފައިނުވާކަން ފާހަގަކުރެވެއެވެ.