ޚިދުމަތްކުރަން ހުށަހަޅަމުން ގެންދާއިރު ދެ ކެންޑިޑޭޓުންނަށް އެއްބަސް ނުވެވޭ ކަންތައްތަކެއް އެބަހުރި: އިބޫ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ޚިދުމަތްކުރަން ހުށަހަޅަމުން ގެންދާއިރު ދެ ކެންޑިޑޭޓުންނަށް އެއްބަސް ނުވެވޭ ކަންތައްތަކެއް އެބަހުރި: އިބޫ
ދިވެހި ޤައުމަށާއި ރައްޔިތުންނަށް ޚިދުމަތް ކުރުމަށްޓަކައި ރިޔާސީ 2 ކެންޑިޑޭޓުންގެ ފަރާތުން ރައްޔިތުންނަށް ކަންތައްތަކެއް ހުށަހަޅަމުން ގެންދާއިރު އެއްބަސް ނުވެވޭ ކަންތައްތަކެއް އެބަހުރި ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.

ގދ ތިނަދޫގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ އެއްބަސް ނުވެވެނީ ވަގަށް ނަގާފައިވާ ރައްޔިތުންގެ ފައިސާ އަނބުރާ ހޯދުމާއި މަގުމަތީގައި މަރަމުން ގެންދާ މީހުންގެ މަރުގެ ތަޙްޤީޤް ފުރިހަމަކޮށް ޙަޤީޤީ ސަބަބު ހޯދުމުގައި ކަމަށެވެ. "ރައީސް ޔާމީން ޤަބޫލުފުޅުކުރައްވާ ރާއްޖޭގެ ތާރީޚުގައި ކުރެވުނު އެންމެ ބޮޑު ވައްކަން ނުވަތަ ޚިޔާނާތް ވެފައި އޮތީ އެމަނިކުފާނުގެ ސަރުކާރުގައި ކަމަށް. ނަމަވެސް ރައީސް ޔާމީން ޤަބޫލުފުޅެއް ނުކުރައްވާ އެފައިސާ އަންބުރާ ސަރުކާރަށް، ރައްޔިތުންނަށް ހޯދަންޖެހޭނެ ކަމަކަށް. ހޯދޭނެ ކަމަކަށްވެސް. އަޅުގަނޑު މިބުނަނީ އެ ހުރިހާ ފައިސާތައް އަނބުރާ ހޯދާނަމޭ."

އިބޫ ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަމުގެ 5 އަހަރު ނިމެންދާއިރު މަގުމަތިން ހަމަލާދީ މަރާލެވުނު މީހުންގެ އަދަދު 35 އަށް އަރާފައިވާކަމަށް ބެލެވޭއިރު ރައީސް ޔާމީން ޤަބޫލުފުޅު ކުރައްވަނީ އެ މައްސަލަތަކުގެ ފުރިހަމަ ތަޙްޤީޤެއް ކުރުމަކީ އިސްރާފެއް ކަމަށެވެ. "ނަމަވެސް އަޅުގަނޑު މިދަންނަވަނީ އެމައްސަލަތަކުގެ ފުރިހަމަ ތަޙްޤީޤެއް ހިންގައި ހަޤީޤީ ކުށްވެރިން ހޯދާނަމޭ."

އިބޫ ވިދާޅުވީ މިރޭ ވެސް ޒުވާނަކު މަރާލައިފި ކަމަށާއި މިފަދަ މައްސަލަތައް އިތުރުވަމުން މިދަނީ ގިނަ އަދަދެއްގެ ޒުވާނުން ގޮތް ހުސްވެ މަގުމަތިވެފައި ތިބުމުން ކަމަށެވެ. "ރައްޔިތުންގެ މަޖިލީހުގަ އަޅުގަނޑުމެން ކުރި ދިރާސާތަކުން އެނގެނީ މިފަދަ ކުދިންގެ ބޭނުން ސިޔާސީ މީހުންނާ ވިޔަފާރިވެރިންވެސް ހިފާކަން. މިރަށުގައިވެސް އެހީތެރިކަމަށް ބޭނުންވެފައި ތިބި 400 ވަރަކަށް ކުދިން އެބަތިބި. ކޯލިޝަނުން މިރަށުގައި ރިހެބެއް އުފައްދާނަން. ފަރުވާދޭ މަރުކަޒެއްވެސް ޤާއިމުކުރާނަން."

މީގެ އިތުރުން ތިނަދޫ ހޮސްޕިޓަލަކީ ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ބަދަލުކުރައްވާނެ ކަމަށްވެސް އިބޫ ވިދާޅުވިއެވެ.
މިއަދު އޮންލައިން