ރާއްޖޭގެ މަސްކަނޑުތަކުގައި މަސްވެރިކަން ކުރަން ސަރުކާރުން ލައިސަން ދީގެން މަސްވެރިކަން ކުރާ 40 އުޅަނދާއި އެއްވެސް ލައިސަންސެއް ނުނަގައި ވަގަށް މަސްވެރިކަންކުރާ 100 އަށްވުރެ ގިނަ އުޅަނދު ރާއްޖޭގެ މަސްކަނޑުތަކުގައި މަސްވެރިކަން ކުރާ ކަމަށާއި އެފަދަ ހުރިހާ އުޅަނދުތަކުން ރާއްޖޭގެ މަސްކަނޑުތައް ސަލާމަތްކުރައްވާނެ ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ގދ. ތިނަދޫގައި ވާހަކަފުޅުދައްކަވަމުން އިބޫ ވިދާޅުވީ ރާއްޖޭގެ މަސްކަނޑުތައް ބޭރުގެ އުޅަނދުތަކުގެ ކިބައިން ސަލާމަތް ކުރައްވައި މަސްކަނޑުތައް އަނބުރާ ދިވެހި މަސްވެރިންނާއި ޙަވާލުކުރައްވާނެ ކަމަށެވެ. ހަމައެއާއިއެކު މަސްވެރިންނަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ މަސްކިރޭނެ އިތުރު މަރުކަޒުތައް ޤާއިމުކުރައްވައި ފަސޭހަކަމާއިއެކު މަސްކިރުވޭނެ ގޮތް ހައްދަވައި ދެއްވާނެ ކަމަށެވެ. އައިސް ލިބޭނެ އިތުރު ޕްލާންޓްތައްވެސް ޤާއިމުކުރައްވާނެ ކަމަށެވެ. މަސްވެރިކަން މަތީ ހަރުފަތަކަށް ގެންދިއުމަށްޓަކައި ބޮޑެތި އުޅަނދުތައް ބަންނާނެ ލޯނު ލުއި ގޮތަކަށް ލިބޭނެ މަގު ވެސް ފަހިކޮށްދެއްވާނެ ކަމަށެވެ. އަދި ތެލުގެ އަގު ހެޔޮކުރައްވާނެ ކަމަށާއި ތެލުގެ އަގުހެޔޮ ކުރުމަށްޓަކައި ތެލުން މިސަރުކާރުން ނަގަން ފަށާފައިވާ އިމްޕޯޓް ޑިޔުޓީވެސް ކަނޑުއްވައިލައްވާނެ ކަމަށެވެ.
އިބޫ ވިދާޅުވީ ޤާނޫނާ ޤަވާއިދަށް މަސައްކަތްކުރާ އެއްވެސް މުވައްޒިފަކު، އެމީހާގެ ސިޔާސީ ފިކުރަށް ބައްލަވައިގެން ވަޒީފާއިން ވަކިނުކުރައްވާނެ ކަމަށެވެ. އަދި ސަރުކާރަށް ތާއީދުކުރާ ފިކުރުގެ މީހެއް ނަމަވެސް ޤާނޫނާއި ޤަވާއިދާއި ޚިލާފަށް މަސައްކަތް ކުރާނަމަ ވަޒިފާއިން ވަކިނުކުރައްވާނެ ކަމަށެވެ.
އިބޫ ވިދާޅުވީ ސަރުކާރުގެ އެއްވެސް ކުންފުންޏެއް އުވާލެއްވުމުގެ ވިސްނުންފުޅު ނުގެންގުޅުއްވާ ކަމަށާއި ކުންފުނިތަކުގެ ދައުރު އިތުރަށް ފުޅައު ކުރައްވާނެ ކަމަށެވެ. އަދި ކުންފުނިތަކުގެ ހިންގުމަށް ގެންނަވާ ބަދަލާއިއެކު ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒިފުންނަށް ވެސް ލިބިގެންދާނީ އިތުރު ކުރިއެރުން ކަމަށެވެ.