ކޯލިޝަނުގެ ކެންޕޭނަށް ހުރަސްއަޅައި ކެންޕޭނުކުރާ މީހުން ޖަލަށްލާން ސަރުކާރުން ބޭނުންވާނަމަ އެންމެން އެކުގައިވެސް ޖަލަށް ވަންނަން ތައްޔާރު ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.
ފުލުހުން ނުދާން އިލްތިމާސްކުރަމުންދަނިކޮށް ގއ ކޮލަމާފުށްޓަށް މިއަދު ހެނދުނު ވަޑައިގެން އިބޫ މިއަދު ވިދާޅުވީ ކެންޕޭނު ކުރުމުގެ ހައްޤު ހުރިހާ ޕާޓީތަކަށްވެސް ހަމަހަމަކަމާއިއެކު ލިބެންޖެހޭނެ ކަމަށެވެ. ސިޔާސީ ޕާޓީތަކުގެ ޙަރަކާތްތައްވެސް ހަމަހަމަކަމާއިއެކު ހިންގެން ޖެހޭނެ ކަމަށެވެ.
އިބޫ ވިދާޅުވީ އެމަނިކުފާނު ކޮލަމާފުށްޓަށް ވަޑައިގަތުމުން މަރުޙަބާ ދަންނަވަން ނުކުތް މީހުންގެ ތެރޭގައި ޓީޗަރުންނާއި ކުންފުނިތަކުގެ މުވައްޒިފުން ހިމެނޭ ކަމަށެވެ. އަދި އެކަމުން އެނގިގެންދަނީ ސަރުކާރުން ދައްކަމުން ގެންދާ ވަޒިފާގެ ބިރު ފަހަނައަޅައި މުވައްޒިފުން ނުކުންނަން ފަށައިފިކަން ކަމަށެވެ.
އިބޫ ވިދާޅުވީ ރައީސް ޔާމީނަށް ދެން އިތުރަށް ރައްޔިތުންނަށް ދެއްކެވޭނެ ބިރެއް ނޯންނާނެ ކަމަށާއި ހުރިހާ މުވައްޒިފުންވެސް ބިރުފަހަނައަޅައި ނުކުތުމަށް ގޮވާލާ ކަމަށެވެ. އަދި ހުރިހާ ރައްޔިތުން އެކުގައި ނުކުމެ ކެންޕޭނުކުރުމުގެ ކަންކަން ބާރަށް ކުރިއަށް ގެންދިއުމަށް ގޮވާލައްވާ ކަމަށެވެ.
ފުލުހުން އެރަށުން ހައްޔަރުކޮށްފައިވާ 18 މީހުންނަކީ ކުށްވެރިން ނޫން ކަމަށާއި އެއީ ކެންޕޭނުކުރި ބައެއް ކަމަށްވެސް އިބޫ ވިދާޅުވިއެވެ. "އިރާދަކުރެއްވިއްޔާ އިންތިޚާބު ކާމިޔާބުކޮށް އެ 18 މީހުންނާ ދެންވެސް ނުޙައްޤުން ބަންދުކޮށްފައިވާ އެންމެން އަޅުގަނޑުމެން މިނިވަންކުރާނަން." އިބޫ ވިދާޅުވިއެވެ.