އަނިޔާވެރިކަމާ ދެކޮޅަށް ނުނުކުތްނަމަ އަނިޔާވެރިޔާ ކުރާ އަނިޔާގެ ޒިންމާ އުފުލަންޖެހޭނެ: ޝައިޚް އިލްޔާސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
އަނިޔާވެރިކަމާ ދެކޮޅަށް ނުނުކުތްނަމަ އަނިޔާވެރިޔާ ކުރާ އަނިޔާގެ ޒިންމާ އުފުލަންޖެހޭނެ: ޝައިޚް އިލްޔާސް
އަނިޔާވެރިކަމާއި ދެކޮޅަށް ނުނުކުތްނަމަ އަނިޔާވެރިޔާ ކުރާ އަނިޔާގެ ޒިންމާ އުފުލަންޖެހޭނެ ކަމަށް ވިދާޅުވެ ހައްޤު ބަސް ވިދާޅުވުން މަތީގައި ސާބިތުވެ ތިބުމަށް ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ރާއްޖޭގެ ދީނީ ޢިލްމުވެރިންނަށް އިލްތިމާސް ކުރައްވައިފިއެވެ.

ޝައިޚް އިލްޔާސް މިރޭ ވިދާޅުވީ ތަރައްޤީގެ ނަމުގައި ޙަރާމް ފައިސާ ހޯދަން ދަސްކޮށްދިނުމަކީ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށެވެ. "ވަކި މީހަކު ބުނީމާއެއް ނޫން ޢިލްމުވެރިން ހައްޤު ބަސް ވިދާޅުވަން ޖެހިވަޑައިގަންނަވާނީ. ކޮންމެ މީހަކު ދެއްކި ނަމަވެސް މިފަދަ ވާހަކަތައް ދެއްކީމާ ޢިލްމުވެރިން ތެދުވެ ހައްޤު ބަސް ބުނަންޖެހޭނެ. އަޅުގަނޑު ރާއްޖޭގެ ޢިލްމުވެރިންގެ ކިބައިން އެދެން ތެދުވެވަޑައިގެން މިކަމުގަ ހައްޤު ބަސް ވިދާޅުވެ ދެއްވަން."

ޝައިޚް އިލްޔާސް ވަނީ އެމަނިކުފާނަށް ކުށް ބަސްފުޅެއް ވިދާޅުވެވިފައިވާނަމަ އެކަން ބަޔާންކޮށް ދެއްވުމަށް ރާއްޖޭގެ ހުރިހާ ދީނީ އިލްމުވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ.

ޝައިޚް އިލްޔާސް ވިދާޅުވީ ކުށް ކުރެވޭނީ އިންސާނުންނަށް ކަމަށާއި ކިތަންމެ މަތީ މީހަކު ނަމަވެސް ކުށެއް ކުރެވިއްޖެނަމަ ތައުބާވުމުން އެމީހެއްގެ ޤަދަރު އުފުލި މަތިވެރިވެގެންދާނެ ކަމަށެވެ. އެކަން މޫސާގެފާނުގެ ޤައުމުގެ މީހުންނަށް ފެން ނުލިބިގެން ދުޢާކުރަން ނުކުތް 70،000 މީހުންގެ ތެރޭގައި މެދުނުކެނޑި 40 އަހަރު ޝަރީކުކުރި މީހާ ތައުބާވުމުން ﷲ ތަޢާލާ ވަގުތުން ކަންތައްތައް ކުރެއްވެވި ގޮތުން އެނގިގެންދާ ކަމަށެވެ.

ޝައިޚް އިލްޔާސް ވަނީ ރައްޔިތުންނަށް ކުރިމަތިވެފައިވާ އަނިޔާވެރިކަމާއި މުޞީބާތްތަކުން ސަލާމަތްކޮށްދެއްވެވުން އެދި ސާބިތު ކަމާއިއެކު ދުޢާކުރުން މަތީގައި ތިބުމަށްވެސް ރައްޔިތުންނަށް ނަޞޭޙަތްތެރިވެވަޑައިގެންފައެވެ. "ނަމަވެސް ހަނދުމަފުޅު ކުރައްވަވާތި. ފަރުޟް ފަސް ނަމާދުކުރުންމަތީގައި ދެމިތިބެ ދުޢާ ކުރަންވާނީ. އަނިޔާ ލިބެމުންދާ މީހާގެ ދުޢާއަށް 7 އުޑުމަތީގައިވާ ﷲ ތަޢާލާގެ ޢަރްޝިކޮޅަށް ލޮޅުން އަރާ. އެހެންވެ އަނިޔާ ލިބެމުންދާ މީހާގެ ދުޢާ މަތިވެރިވެގެންވަނީ. ﷲ ތަޢާލާ އެ ދުޢާ އިޖާބަ ނުކުރައްވައި ދުލެއް ނުކުރައްވަވާނެ." ކަމަށް ވެސް ޝައިޚް އިލްޔާސް ވިދާޅުވިއެވެ.
މިއަދު އޮންލައިން