އޮފަރތައް ލިބުނު - ޤަބޫލު ނުކުރީ ޤަބޫލުކުރަން ކީރިތި ޤްރްއާން ހުއްދަ ނުކުރާތީ: ޝައިޚް އިލްޔާސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
އޮފަރތައް ލިބުނު - ޤަބޫލު ނުކުރީ ޤަބޫލުކުރަން ކީރިތި ޤްރްއާން ހުއްދަ ނުކުރާތީ: ޝައިޚް އިލްޔާސް
"އޮފަރތައް" ލިބިވަޑައިގެންނެވި ކަމަށާއި ނަމަވެސް ހުށަހެޅި އެއްވެސް އޮފައެއް ޤަބޫލުފުޅު ނުކުރެއްވީ އެ އޮފަރތައް ޤަބޫލުފުޅު ކުރެއްވުމަށް ކީރިތި ޤްރްއާން ހުއްދަ ނުކުރާތީ ކަމަށް ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.

ޝައިޚް އިލްޔާސް މިރޭ ވިދާޅުވީ ދުނިޔަވީ އިނާމަކަށް އެދިވަޑައިނުގަންނަވާ ކަމަށާއި އެއްވެސް މަޤާމަކަށް ދަހިވެތިވެވަޑައިނުގަންނަވާ ކަމަށެވެ. "މިހާރުން މިހާރަށް ޖަލަށްލިއަސް ބުނާނީ ޙައްޤު ބަސް، މަތިވެރިކުރާނީ ކީރިތި ޤްރްއާން. މަރަކީ އެއްވެސް މީހަކަށް އެނގޭ އެއްޗެއް ނޫން. މަރަކަށް ބިރެއް ނުގަންނަން. އަޅުގަނޑަށް ބިރު ދެއްކި މީހާއަށް އަޅުގަނޑުބުނިން އަޅުގަނޑު ޝައިޠާނަކަށް ބަދަލު ނުކުރައްޗޭ ބަދަލުކޮށްފިނަމަ ޝައިޠާނާއަށް ވެސް ޖެހޭނީ ލަދު ގަންނާށޭ."

ޝައިޚް އިލްޔާސް ވިދާޅުވީ ޑރ. އަފްރާޝީމްގެ މަރާއި ގުޅިގެން ފަހަތުން 9 ވަރަކަށް ޒުވާނުން މަރުވެގެން ދިއަކަން ސޯޝަލް މީޑިއާތަކުގައި ހާމަކުރި ކަމަށާއި މި ބޮޑު މައްސަލައިގެ ފުރިހަމަ ތަޙްޤީޤެއް މިއަދާއި ހަމައަށް ވެސް ނުކުރެވި އޮތީ ކީއްވެގެންކަމާއިމެދު ސުވާލު ކުރައްވަން ބޭނުންފުޅު ކަމަށެވެ.

"އިންޑިއާގެ މަޝްހޫރު ދީނީ އިލްމުވެރިއަކު ވިދާޅުވެފައިވަނީ މީހެއްގެ ޤާޠިލު ނޭނގިއްޖެނަމަ ޙާކިމާއަށް އެކަމުގެ ޒިންމާ ނަގަން ޖެހޭނެއޭ. އަޅުގަނޑު މީހެއްގެ ބޮލަކު އެއްވެސް މީހެއްގެ މަރުގެ ޒިންމާއެއް ނާޅުވަން. އަޅުގަނޑަކަށް ނޭނގޭނެ. އަޅުގަނޑުގެ ސުވާލަކީ މިހައި ގިނަ ދުވަސްވީއިރުވެސް ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލަ ތަޙްޤީޤް ނުކުރެވުނީ. އެމަރާއި ގުޅިގެން 9 މީހަކު މަރާލެވުނު ކަމަށް ބެލެވޭއިރު އެމައްސަލަތައް ތަޙްޤީޤް ނުކުރެވުނީ ކީއްވެތޯ؟ ދެން އަޅުގަނޑު މަރާލި ނަމަވެސް އެއްވެސް މައްސަލައެއް ނެތް. އަޅުގަނޑުގެ ވާޖިބު އަދާކޮށްފިން. އިއްޔެވެސް އެވަނީ ޒުވާނެއްގެ ކަރަށް ވަޅިހަރާ މަރާލެވިފަ."

ޝައިޚް އިލްޔާސް ވިދާޅުވީ ކުށްވެރިން ދޫކުރެވިދާނެކަމަށް ބުނާއިރު ސިޔާސީ ކުށްވެރިން ދޫނުކުރެވެންވީ ސަބަބެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. "ފަހަރެއްގަ ދެން އަޅުގަނޑަށް ތިއަބޭފުޅުންނާ ބައްދަލުނުވެ ހިނގައިދާނެ މިވާހަކަތަކުގެ ސަބަބުން."

ޝައިޚް އިލްޔާސް ވިދާޅުވީ "ބޭބޭފުޅު މައުމޫން ޢަބްދުލްޤައްޔޫމް އާއި ދަރިކަލުން ވީގޮތް އެނގޭ ނޫންހޭ. ކަލޭގެ މައްޗަށް އަހަރެމެން ލައްވާ ކުރުވާނީ ކިހައިވަރެއްގެ ހުކުމެއް ކަމެއްވެސް ނޭނގެއޭ. ވީމާ ހަނު ހުންނާށޭ." ބުނެ އިންޒާރު ދިން ކަމަށެވެ. ނަމަވެސް އެއްވެސް ވަރަކަށް ބިރުފުޅު ނުގަންނަ ކަމަށެވެ.

ޝައިޚް އިލްޔާސްވަނީ އެމަނިކުފާނުގެ ދޫފުޅުގައި ހިފައި ނުދެމުމަށް ވެސް ތަކުރާރުކުރައްވައި އިލްތިމާސް ކުރައްވައިފައެވެ.

"ކޯލިޝަނުގެ ސަރުކާރެއް ކުރިއަށް ނުދާނެކަމަށް ބުނަމުން ތިއަ ގެންދަނީ ކޯލިޝަނުގެ ސަރުކާރެއްގެ ތެރެއިން ވަޒީފާ ލިބި ފުރުޞަތު ލިބުނު މީހެއް. އެހެންވީމާ އަޅުގަނޑަށް ދައުވަތު ދިން މީހާއަށް އަޅުގަނޑު މިދަންނަވަނީ އެނބުރި ކޯލިޝަނާއި އަދިވެސް ގުޅުމަށް." ކަމަށްވެސް ޝައިޚް އިލްޔާސް ވިދާޅުވިއެވެ.

ޝައިޚް އިލްޔާސްގެ ވާހަކަފުޅުން (އޯޑިއޯ):
މިއަދު އޮންލައިން