ދެމިހުންނަވަން ބޭނުންފުޅުވަނީ ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއެކުގައިކަމަށް ޑރ. އަފްރާޝީމް ޢަލީ ވިދާޅުވި ކަމަށާއި އެމޭރުމުން ވިދާޅުވުމުން މަރުޙަބާ ދެންނެވިން ކަމަށް ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.
ޝައިޚް އިލްޔާސް ވިދާޅުވީ ޑރ. އަފްރާޝީމް މިމޭރުމުން ވިދާޅުވީ ރައީސް މައުމޫން ނެތިއްޖެނަމަ ވަރަށް ބޮޑަށް އެމަނިކުފާނު ގިނިކަންޏާވެވަޑައިގަންނަވާނެކަން ބަޔާންކުރައްވައި ވާހަކަފުޅު ދައްކަވަމުން ކަމަށެވެ.
ޝައިޚް އިލްޔާސް ވިދާޅުވީ އެމޭރުމުން ޑރ. އަފްރާޝީމް ވާހަކަފުޅު ދެއްކެވުމުން މަރުހަބާ ވިދާޅުވިން ކަމަށާއި އަދި މިހައިތަނަށް ރައްޔިތުން ހިތް ހަމަނުޖެހޭ ގޮތަށް ވާހަކަފުޅެއް ދެއްކެވިފައިވާނަމަ އެކަމަކަށް ރައްޔިތުންގެ ކިބައިން މަޢާފަށް އެދިވަޑައިގަތުމަށްވެސް ދެންނެވިން ކަމަށެވެ.
"ޑރ. އަފްރާޝީމް ބޭނުންފުޅުވި އެރޭގެ ޓީވީ ޕްރޮގްރާމުގައި އަޅުގަނޑު ބައިވެރިވަން. އެމަނިކުފާނާއިއެކުގައި ޕްރޮގްރާމުގައި އަޅުގަނޑު އިނުމަށް. ނަމަވެސް އަޅުގަނޑު ދެންނެވިން މިރޭ ވަޑައިގަންނަވާށޭ. އިރާދަކުރެއްވިއްޔާ ދެން އޮންނަ ޕްރޮގްރާމެއްގައި އަޅުގަނޑު މަނިކުފާނުގެ އަރިއަހުގައި އިންނާނަމޭ. ނަމަވެސް އެ ރޭ 1 ޖަހާ އެހައިކަންހާއިރު އިވިގެން ދިއައީ ވަރަށް އަނިޔާވެރި ގޮތަކަށް އެމަނިކުފާނު އަވަހާރަކޮށްލެވުނު ވާހަކަ."
ޝައިޚް އިލްޔާސް ވަނީ ޑރ. އަފްރާޝީމް އަވަހާރަކޮށްލެވުނު މައްސަލަ އާއި ޑރ. އަފްރާޝީމްގެ މަރާއި ގުޅިގެން ފަހަތުން 9 ވަރަކަށް ޒުވާނުން މަރުވެގެން ދިއަކަން ސޯޝަލް މީޑިއާތަކުގައި ހާމަކޮށްފައިވާއިރު މި ބޮޑު މައްސަލައިގެ ފުރިހަމަ ތަޙްޤީޤެއް މިއަދާއި ހަމައަށް ވެސް ނުކުރެވި އޮތީ ކީއްވެގެންކަމާއިމެދު ސުވާލު ކުރައްވަން ބޭނުންފުޅު ކަމަށް ވިދާޅުވެ ކަންބޮޑުވުން ފައުޅު ކުރައްވައިފައެވެ.