މާމިގިލީގެ 42 ގޯޅިއަކާއި މުއައްސަސާތަކާއި އެނޫންވެސް މިވަގުތު ކޮންމެހެން ނަރުދަމާގެ ޚިދުމަތް ދޭންޖެހޭ ތަންތަނަށް ވީ އެންމެ އަވަހަށް ޚިދުމަތް ލިބޭނެ ގޮތަކަށް ސަރުކާރުން ހަމަޖައްސަވައިދެއްވުމަށް މާގިލީ ކައުންސިލުން އެދިއްޖެއެވެ.
މާމިގިލީ ކައުންސިލުގެ ނޫސް ބަޔާން
ޒަމާނުއްސުރެން އދ.މާމިގިލީގެ ލޮބުވެތި ރައްޔިތުން އެޚިދުމަތެއް ބޭނުންވެގެން އެދި އެދި ތިއްބެވި ނަރުދަމާގެ ހިދުމަތް މިރަށުގައި ޤާއިމްކޮށްދެއްވަން ނިންމަވައި، އެކަމުގެ ޢަމަލީ މަސައްކަތް ކުރިއަށް ދާކަމީ، ރަށުގެ ލޮބުވެތި ރައްޔިތުންނާ މި ކައުންސިލް ނުހަނު އުފާކުރާކަމެކެވެ. އަދި މިހިދުމަތް ރަށުގެ ބޮޑުބަޔަކަށް ލިބިގެންދާކަމީ މިކައުންސިލުން ނުހަނު އުފާކުރާކަމެކެވެ.
މިރަށުގެ ނަރުދަމާގެ ހިދުމަތް ފޯރުކޮއްދެއްވުމައް މިނިސްޓްރީ އޮފް އެންވަމެންޓް އެންޑް އެނަލްޖީއިން މަސައްކަތް ހަވާލުކުރެއްވީ އެމް.ޑަބުލިއު.އެސް.ސީ އަށެވެ. އަދި އެމް.ޑަބުލިއު.އެސް.އީ އިން މާމިގިލީގައި ނަރުދަމާ ހިދުމަތް ފޯރުކޮއްދެއްވުމައް ކުރެހި ކުރެހުމުގައި މީހުން ދިރިއުޅޭ ސަރަޙައްދުގައި ކޯޓް މަރުހަލާއިން ނިމި ބަހާފައިވާގިނަ އަދަދެއްގެ ގޯތިތައް ހިމެނޭ ގޯޅިތަކާއެކު ޖުމްލަ 42 ގޯޅިއާއި، މާމިގިލީ އެއަރ ޕޯޓާއި ހުޅަނގު ފަރާތު ބަނދަރުގެ ޓާމިނަލްގެ ފާޙާނާތައް ހިމެނިފައި ނުވާތީވެ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އާއި އެމް.ޑަބްލިއު.އެސް.ސީގެ ސަމާލުކަމަށް މިކަން ގެނައުމަށް ސިޓީތައް ވާނީ ފޮނުވާފައެވެ. އަދި އެމް.ޑަބުލިއު.އެސް.ސީ އާއި، ކައުންސިލާ އެކު ބޭއްވުނު އެތަކެއް ބައްދަލުވުން ތަކުގައި މިކަންވާނީ ހިއްސާކޮއް ކަމާބެހޭފަރާތްތަކަށް ހުށަހަޅާފައެވެ. އެގޮތުން ތަކުރާރުކޮށް ކުރެވުނު މަޝްވަރާގައި އެމް.ޑަބްލިއު.އެސް.ސީ ގެ ފަރާތުން ބައިވެރިވެލެއްވި މުޙައްމަދު އިޔާދު ވިދާޅުވެލައްވާފައިވަނީ، ކައުންސިލުން އެދިފައިވާ އިސްވެދެންނެވިފައިއެވާ ތަންތަނާއި މާމިގިލީގައި ޤާއިމް ކުރެވިފައިވާ އެމް.އެން.ޑީ.އެފް އިމާރާތާއި، މާމިގިލީގެ ރަށްޔިތުންގެ ބީޗް ހިމަނައިގެން ކުރެހުން ހެދުމަށްފަހު ފައިނަލް ކުރެހުމެއް ކައުންސިލަށް ފޮނުވައިދެއްވާނެކަމަށެވެ އަދި ހިދުމަތް ފޯރު ކުރެވޭނެ ގޯޅިތައް ދަންނަވަން އެނގޭނީ ކުރެހުމުގެ ފަހުން ކަމުގައި ވަނީ ވިދާޅުވެފައެވެ. ނަމަވެސް ހިތާމަޔަކީ ދިވެހި ދައުލަތުން، ރައްޔިތުންގެ ފައިސާއިން ޚަރަދުކޮށްގެން ދައުލަތުގެ ކުންފުންޏެއް މެދުވެރިކޮށް މިފަދަ ބޮޑު މަޝްރޫޢު އެއް ހިންގެވިއިރު މިހާމުހިންމު ޚިދުމަތަކުން ރަށުގެ ރައްޔިތުންގެތެރެއިން އެއްބަޔަކާއި ބައެއް މުއައްސަސާ ބާކީކޮށް މަޙްރޫމްކުރެވިފައިވާތީއެވެ.އަދި ކުއްލިގޮތަކަށް 28 އޯގަސްޓް 2018 ވަނަދުވަހު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ގެ ނަމްބަރ 438-OFID/356/2018/08 ސިޓީން (03 އޮގަސްޓް 2018) ވާ ހޯމަ ދުވަހު އދ.މާމިގިލީގައި ޤާއިމްކުރެވިފައިވާ ނަރުދަމާ ނިޒާމް ރަސްމީކޮށް އިފްތިތާޙް ކުރުމަށް ހަމަޖެހިފައިވާކަމަށް ވަނީ އަންގަވާފައެވެ. މިޚަބަރު ވެގެންދިޔައީ މާމިގިލީ ކައުންސިލަށް ލިބުނު ވަރަށްބޮޑު ކުއްލި ހައިރާންކަމަކަށެވެ. ސަބަބަކީ އިސްވެދެންނެވުނު ކުރެހުން ހުށަހަޅާފައިނުވުމާއި އަދި ކުރިން ދެނެވުނު 42 ގޯޅީގެ ތެރެއިން ނަރުދަމާ އެޅުނު ގޯޅިތަކަކީ ކޮބައިކަމާއި، ނަރުދަމާ ނޭޅިވަނީ ކިތަށް ގޯޅިކަމެއް ރަސްމީ ސިފައެއްގައި ކައުންސިލަށް އެނގިފައިނުވުމެވެ. އަދި މިނިސްޓްރީ އޮފް އެންވަމެންޓް އެންޑް އެނަލްޖީއިން ހުއްދަ ލިބިގެން އެއްމެފަހުން ކުރެވުނު އިޢުލާނާ ގުޅިގެން ފޯމް ހުށަހަޅާފައިވާ 92 ކަނެކުޝަންގެ ތެރެއިން 66 ކަނެޝަން އެޅުމުގެ މަސައްކަތް އެމް.ޑަބުލިއު.އެސް.ސީ އިން ކުރެއްވުމަށްފަހު، ބާކީ ހުރި 26 ކަނެކްޝަންގެ ހިދުމަތް ފޯކޮށްދެއްވާފައި ނުވުމުގެ އިތުރުން މިކަނެކްޝަންތައް ގުޅައިދެވޭނޭ ކަމެއް ނުވަތަ ނޫންކަމެއްވެސް ރަސްމީކޮއް ކައުންސިލަށް ހިއްސާކުރެވިފައިނުވުމާއި، މާމިގިލީގެ ނަރުދަމާގެ ޚިދުމަތް ރައްޔިތުން އެދޭ އެންމެހާ ތަންތަނަށް ފޯރުކޮށްދެވިފައިވޭތޯ ރަސްމީ އެސްވެސް މުއައްސަސާއަކުން ބެއްލެވުމެއްނެތި ކުއްލިޔަކަށް ނަރުދަމާގެ ނިޒާމް އިފްތިތާޙްކުރުމަށް އެންގެވުމަކީ މިކައުންސިލް ނުހަނު ކަންބޮޑުވާކަމެއްކަމުގާ ދަންނަވަމެވެ. ސަބަބަކީ މާދަމާވެސް ރައްޔިތުން މިފަދަ ކަންކަމާ ސަކުވާކުރުމަށް ވަޑައިގަންނަވާނީ ކައުންސިލަށްކަމަށްވާތީއެވެ.
ވީމާ، އިސްވެދެންނެވުނު 42 ގޯޅިޔާ އަދި މުއައްސަސާތަކާއި، އެނޫންވެސް މިވަގުތު ކޮންމެހެން މި ޚިދުމަތް ދޭންޖެހޭ ތަންތަނަށް ވީ އެންމެ އަވަހަށް މި ޚިދުމަތް ލިބޭނެ ގޮތަކަށް ސަރުކާރުން ހަމަޖައްސަވައިދެއްވުމީ މި ކައުންސިލުން އެދޭ އާދޭހުގެ އެދުމެކެވެ.
22 ޛުލްޙިއްޖާ 1439
02 ސެޕްޓެމްބަރ 2018