އިސްލާމް ދީނުގައި އޮތީ ވެރިއެއްގެ ނުފޫޒުން ރައްޔިތަކަށް އަނިޔާއެއް ލިބިއްޖެނަމަ ވެރިމީހާއަށް އަދަބު ދިނުން: ޝައިޚް އިލްޔާސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
އިސްލާމް ދީނުގައި އޮތީ ވެރިއެއްގެ ނުފޫޒުން ރައްޔިތަކަށް އަނިޔާއެއް ލިބިއްޖެނަމަ ވެރިމީހާއަށް އަދަބު ދިނުން: ޝައިޚް އިލްޔާސް
އިސްލާމް ދީނުގައި އޮތީ ވެރިއެއްގެ ނުފޫޒުން ރައްޔިތަކަށް އަނިޔާއެއް ލިބިއްޖެނަމަ ވެރިމީހާއަށް އަދަބު ދިނުންކަން ޢުމަރުގެފާނުގެ ބަސްފުޅުތަކުން ވަރަށް ސާފުކޮށް އެނގެން އެބައޮތް ކަމަށް ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.

ރޭ އައްޑޫގައި ދަރުސް ދެއްވަމުން މިކަމުގެ ހެކި ދައްކަވައި ޝައިޚް އިލްޔާސް ވިދާޅުވީ މިޞުރުގެ ގަވަރުނަރަކަށް ޢަމްރުބުނުލްޢާޞް ފޮނުއްވަވާފައި ހުންނެވި އިރު އެކަލޭގެފާނުގެ ދަރިކަލެއްގެ ކިބައިން ނިކަމެތި ރައްޔިތެއްގެ ދަރިއަކަށް ލިބުނު އަނިޔާ އާއި ގުޅިގެން އެމީހާ ޢުމަރުގެފާނަށް ޝަކުވާ ހުށަހެޅުމުން ޢުމަރުގެފާނު ޢަމަލުފުޅު ކުރެއްވެވި ގޮތުންނާއި ވިދާޅުވި ބަސްފުޅުތަކުން މިކަމުގެ ހެކި ލިބިގެންދާ ކަމަށެވެ.

"އޭނާގެ ޝަކުވާ އާއި ގުޅިގެން ސިޓީފުޅެއް ފޮނުއްވައި ދަރިކަލުން ގޮވައިގެން އަވަހަށް މަދީނާއަށް ވަޑައިގަންނަވަން އެންގެވި. ވަޑައިގަތުމުން އަނިޔާލިބުނު (ޝަކުވާކުރި) ކުއްޖާގެ އަތަށް ދުއްރާ ދެއްވާފައި އަނިޔާކުރި ކުއްޖާގެ ކިބައިން ބަދަލު ހިފުމަށް އެންގެވި. އަދި ވިދާޅުވި ކުއްޖާގެ ބައްޕަގެ ކިބައިން ޤިޞާޞް ހިފިނަމަވެސް މައްސަލައެއް ނެތް ކަމަށް. އެއީ ދަރިފުޅަށް އަނިޔާކުރަން ހިއްވަރު ލިބުނީ ބައްޕަގެ ނުފޫޒުން ކަމަށްވާތީ ކަމަށް."

ޝައިޚް އިލްޔާސް ވިދާޅުވީ އިސްލާމް ދީނަކީ މިއީ ކަމަށާއި މީސްތަކުންގެ މައްޗަށް އަދުލުވެރިވެ އިންސާފު ޤާއިމުކުރުމަށް އިސްލާމް ދީން ބާރުއަޅާ މިންވަރު ޢުމަރުގެފާނުގެ ބަސްފުޅުތަކުން ވަރަށް ރަނގަޅަށް އެނގިގެންދާ ކަމަށެވެ.

ޝައިޚް އިލްޔާސް މިމޭރުމުން ވިދާޅުވެފައިވާއިރު ރާއްޖޭގައި މިކަންކަން ހިނގަމުންދާ ގޮތާއިމެދު ރައްޔިތުން ގެންދަނީ ވަރަށް ގިނަ ސުވާލުތައް އުފައްދަމުންނެވެ. ސަރުކާރަށް ތާއީދުކުރާ މީހުން ކޮންމެ ފަދަ ކަމެއް ކުރި ނަމަވެސް ކޮންމެ ފަދަ ވާހަކައެއް ދެއްކި ނަމަވެސް އެކަންކަމުގެ މައްސަލަ އެއްވެސް ވަރަކަށް ނުބެލޭކަން ގިނަ ބައަކު ދަނީ ފާހަގަކުރަމުންނެވެ.

ރިޝްވަތުގެ ފައިސާ ބެހިކަމަށް އަމިއްލައަށް އިއުތިރާފްވުމުންވެސް، މީހުން މަރާނެ ކަމަށް ބުނުމުންވެސް އަދި ފައުޅުގައި އިބޫއަށް ހަމަލާ ދިނުމުން ވެސް އެއިން އެއްވެސް ކަމަކާއި ގުޅިގެން މިހައިތަނަށް އެޅިފިޔަވަޅެއް އެނގެން ނެތްކަން ވެސް ގިނަ ބައަކު ފާހަގަކުރެއެވެ.
މިއަދު އޮންލައިން