އަދުލު އިންސާފު ނުލިބި ވިޔަފާރިތައް ދަނީ ހުއްޓުމަކަށް އަންނަމުން - އެކަން ހުއްޓުވާނަން: އިބޫ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
އަދުލު އިންސާފު ނުލިބި ވިޔަފާރިތައް ދަނީ ހުއްޓުމަކަށް އަންނަމުން - އެކަން ހުއްޓުވާނަން: އިބޫ
ރާއްޖޭގައި އަދުލު އިންސާފު ނުލިބި ލަސްވުމުގެ ސަބަބުން ވިޔަފާރިތައް ދަނީ ހުއްޓުމަކަށް އަންނަމުން ކަމަށާއި ކޯލިޝަނުގެ ވެރިކަމެއްގައި އެކަން އެގޮތަށް މެދުވެރިވުން ނިމުމަކަށް ގެނެސް ހުއްޓުވާނެ ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.

ގއ. ނިލަންދޫގައި ވާހަކަފުޅު ދައްކަވަމުން އިބޫ މިއަދު ވިދާޅުވީ ވިޔަފާރިވެރިންނަށް މިފަދަ ދަތިތަކާއި ކުރިމަތިލާންޖެހެނީ އިންސާފު ލިބުން ލަސްވުމުގެ ސަބަބުން ކަމަށެވެ. "ބައެއް ކޯޓުތަކުގައި އިންސާފު ނުލިބި އެތައް ގިނަ އަހަރުތަކެއް ވެފައިވާ މައްސަލަތައް އެބަހުރި. އެކަން އެގޮތަށް މެދުވެރިވުމުން ބައެއް ވިޔަފާރިވެރިން ބަނގުރޫޓުވުމާއި ހަމައަށް ކަންކަން ގޮސްފައި މިވަނީ."

އިބޫ ވިދާޅުވީ އަދުލު އިންސާފު ނުލިބޭ ތަނެއްގައި ޑިމޮކްރަސީ ޤާއިމުވެފައި ނުއޮންނާނެ ކަމަށެވެ. ޤައުމުގެ އަމާންކަމާއި ޞުލްޙަވެރިކަމާއި ޑިމޮކްރަސީ ދަމަހައްޓަންވެސް ރާއްޖެއަށް މިވަގުތު ބޭނުންވަނީ އިންޞާފު ކަމަށެވެ.

އިބޫ ވިދާޅުވީ ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް މިހާރު ތިބެންޖެހިފައިވަނީ ބޮޑު ބިރުވެރިކަމެއްގެތެރޭގައި ކަމަށާއި އެހާލަތަށް ޤައުމުގެ ކަންކަން ގޮސްފައި މިވަނީ މިނިވަން މުއައްސަސާތަކަށް ސަރުކާރުން އަތް ގަދަކޮށް ޝަރުޢީ ނިޒާމަށް ނުފޫޒު ފޯރުވަމުން ގެންދާތީ ކަމަށެވެ. އެހެންކަމުން މި ބިރުވެރި ހާލަތުން ޤައުމު ސަލާމަތް ކުރުމަށް ކުރަންޖެހޭ ފުރަތަމަ ކަމަކީވެސް ފަނޑިޔާރުގެތައް މިނިވަންކޮށް އަދުލު އިންސާފު ލިބޭނެ ގޮތް ހަމަޖެއްސުން ކަމަށެވެ.
މިއަދު އޮންލައިން