ކޯލިޝަންގެ ވެރިކަމުގައި ވައްކަމާއި ކޮރަޕްޝަނަށް އޮތް ދޮރުތައް ބަންދުކުރާނެކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގއ. އަދި ގދ. އަތޮޅުތަކަށް ކުރައްވާ ދަތުރުގައި ކޮނޑޭ ގައި މިއަދު ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ އިދިކޮޅު ވެރިކަމެއްގައި އެންމެ ބޮޑު އެއް އަމާޒަކީ ވައްކަމާއި ކޮރަޕްޝަނަށް އޮތް ދޮރުތައް ބަންދުކުރުން ކަމަށާއި އެފަދަ ކަމަކަށް އަރައިގަންނަ މީހުންނާ ދޭތެރޭގައި ދެވަނަ ފުރުސަތެއް ނުދީ އެމީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.
އިބޫ ވިދާޅުވީ ތަރައްގީގެ ކޮންމެ ޕްލޭނެއް ހިންގާއިރު، އޭގެ ފަހަތުގައި ވައްކަމާއި ކޮރަޕްޝަން އިންތިހާއަށް އެބަ އޮތްކަމަށާއި އިމާރާތެއް ކުރުމަށް ބޭނުންވާ ފައިސާ ދެ ގުނައަށް ހަރަދު ކުރާކަމަށެވެ އަދި މިއީ ރައްޔިތުން ބަލައިނުގަންނަ ކަމެއްކަމަށްވެސް އިބޫ ވިދާޅުވިއެވެ.
ކޮނޑޭ އަށް އިބޫ ކުރެއްވި މި ދަތުރުގައި ކޮނޑޭ ކައުންސިލްގެ ރައީސް އަހުމަދު އަބްދުލް ހަކީމާއި ޕީޕީއެމާއި ޑީއާރުޕީގެ އިސް ބައެއް މީހުންނާއި ވިޔަފާރިވެރިންތަކެއް ވަނީ އެމްޑީޕީއާ ގުޅިފަ އެވެ.