ގއ. މާމެންދޫއަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) މިއަދު ވަޑައިގަތުމުން ރައްޔިތުންގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެ އެމީހުންގެ ތާއީދު އޮތީ އިބޫއަށްކަން ދައްކާލައި އިބޫ ސިއްސުވާލައިފިއެވެ.
މާމެންދޫން ލިބިވަޑައިގެންނެވި ސިހުމާއި މުޅި އަތޮޅުން ލިބިބިވަޑައިގެންނެވި ބޮޑު ތަރުޙީބު ފާހަގަކުރައްވައި އިބޫ ވިދާޅުވީ ގއ އަތޮޅުގެ ރައްޔިތުން ވޯޓުލައިފި ކަމަށާއި ދެން އޮތީ ނަތީޖާ އިއުލާނުކުރުން ކަމަށެވެ.
ޖަލު ބަންދުގައި މާމެންދޫއަށް ނިޞްބަތްވާ ކުރީގެ ޕީޖީ މުހްތާޒް މުޙްޞިން އާއި މެޖިސްޓްރޭޓް ނިހާން ތިބިކަން ފާހަގަ ކުރައްވައި އިބޫ ވިދާޅުވީ އެ ދެ މީހުންނާއި ނުޙައްޤުން ޖަލުގައި ބަންދުކޮށްފައިވާ އެންމެން ކޯލިޝަނުގެ ސަރުކާރުގެ ވެރިކަމުގެ ފުރަތަމަ ދުވަހު މިނިވަން ކުރައްވާނެ ކަމަށެވެ.
އިބޫ ވިދާޅުވީ މާމެންދޫގައިވެސް ޞިއްޙީ މަރުކަޒެއް ހުރިނަމަވެސް އެއްވެސް ޓެސްޓެއް ހެދެން ނެތް ކަމަށާއި ނަމަވެސް ކޯލިޝަނުގެ ސަރުކާރުގައި އެރަށުގައި ވެސް ލެބޯޓްރީއެއް ޤާއިމުކުރައްވައި ޚިދުމަތް ދެއްވާނެ ކަމަށާއި އަދި ސްޕެޝަލިސްޓުންގެ ޚިދުމަތްވެސް ފޯރުކޮށްދެއްވާނެ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައްވެސް ފޯރުކޮށްދެއްވުމަކީ އެންމެ އިސް ކަންތަކަށް ހައްދަވާނެ ކަމަށެވެ.