އިރާދަކުރެއްވިއްޔާ މިތިބީ ފުދި އިތުރުވެގެން ކަމަށާއި އެއްވެސް ހަމަނުޖެހުމަކަށް ފުރުޞަތު ނުދިނުމަށް އަދާލަތު ޕާޓީގެ ނައިބް ރައީސް ޢަލީ ޒާހިރު ކޯލިޝަނުގެ ސަޕޯޓަރުންނަށް އިލްތިމާސްކުރައްވައިފިއެވެ.
ޢަލީ ޒާހިރު މިއަދު ވިދާޅުވީ ބޮޑު އިންތިޚާބެއް ކައިރިވަމުން އަންނައިރު ސަޕޯޓަރުންގެ މެދުގައި ވާދަވެރިކަން އޮންނާނެ ކަމަށާއި ނަމަވެސް އެއްބައަކު އަނެއް ބައަކަށް ހަސަދަވެރިވެ ގައަށް އަތްލައި ހަމަނުޖެހުން ހިންގުން ފަދަ އެއްވެސް ކަމެއް އެއްވެސް ބައަކު ކޮށްގެން ނުވާނެ ކަމަށެވެ.
ޢަލީ ޒާހިރު ވިދާޅުވީ ވާދަވެރިކަން އޮންނަންވާނީ ވޯޓުލައި ވޯޓު ގުނައި ނިމެންދެން ކަމަށެވެ. ވޯޓުގެ ނަތީޖާ އިއުލާނުކުރުމުން އެހިސާބުން އެ ނިމުނީ ކަމަށާއި އިންތިޚާބު ކާމިޔާބުކުރި ކެންޑިޑޭޓަށް ހުރިހާ ރައްޔިތުންވެސް މަރުޙަބާކިޔަންވާނެ ކަމަށެވެ. "އިންތިޚާބު ކާމިޔާބުކުރާ ހިސާބުން އެއީ ވަކި ބައެއްގެ ކެންޑިޑޭޓެއް ނޫން. ހުރިހާ ރައްޔިތުންގެ ރައީސް."
ޢަލީ ޒާހިރު މިމޭރުމުން ވާހަކަފުޅު ދެއްކެވީ އިބޫ މިއަދު ގއ ވިލިނގިއްޔަށް ވަޑައިގެންނެވި ވަގުތާއި ދިމާކޮށް ޕީޕީއެމުން އިންތިޒާމުކޮށްގެން ހަރަކާތްތަކެއް ކުރިއަށް ގެންދިއުމާއި ގުޅިގެންނެވެ. އެހަރަކާތްތަކާއިއެކުވެސް ވިލިގިލީގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެ ވަނީ އިބޫއަށް ހޫނު މަރުޙަބާއެއް ދަންނަވައިފައެވެ.
ވިލިނގިއްޔަކީ ރައީސް މައުމޫންގެ މަންމާފުޅު ނިޞްބަތްވެވަޑައިގަންނަވާ ރަށެވެ. އަދި މެންބަރު ސައުދު ޙުސައިންވެސް ނިޞްބަތްވެވަޑައިގަންނަވާ ރަށެވެ.