ކޯލިޝަނުން މިރޭ ވިލިނގިލީގައި ބޭއްވި ޖަލްސާގައި އިބޫ ވިދާޅުވީ ހުޅުލެ އާއި މާލެ ގުޅުވައިލި ބްރިޖަކީ 79 މިލިއަން ޑޮލަރުން އެޅޭނެ ބްރިޖެއް ކަމަށާއި ނަމަވެސް އެ ބްރިޖަށް ކުރި ޚަރަދު މިހާރުވެސް ވަނީ 300 މިލިއަން ޑޮލަރަށް އަރާފައި ކަމަށެވެ. އަދި ކުއްޑޫ އާއި ވިލިނގިލި ގުޅާލުމަކީ އެހައި ބޮޑު ޚަރަދެއް ކުރަންޖެހޭނެ ކަމެއް ނޫން ކަމަށެވެ.
އިބޫ ވިދާޅުވީ މަޖިލީހަށް ވަނަ ނުދީ ހުއްޓުވާފައިވާ މެންބަރުންގެ ތެރޭގައި ގއ އަތޮޅަށް ނިޞްބަތްވާ 3 މެންބަރުންވެސް ހިމެނޭ ކަމަށެވެ. އަދި ވިލިގިލި ދާއިރާގެ މެންބަރު ސައުދު ޙުސައިން ކޯލިޝަނާއި ގުޅުމުން 38 މީހެއްގެ ވަޒީފާ ގެއްލިފައިވާ ކަމަށާއި އެ އެންމެންނަށް ކޯލިޝަނުގެ ސަރުކާރުން ވަޒީފާ ހަމަޖައްސައިދޭނެ ކަމަށެވެ.
ހުވަދު އަތޮޅަކީ ދުނިޔޭގެ އެންމެ ބޮޑު އަތޮޅުކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ އެ އަތޮޅުގެ ތަރައްޤީއަށް ވަރަށް ގިނަ ކަންތައްތައްތަކެއް ކޯލިޝަނުގެ މެނިފެސްޓޯގައި ހިމެނިފައިވާ ކަމަށެވެ. އަދި އެއަތޮޅުގައި ބައިނަލްއަޤްވާމީ ސީޕޯޓަކާއި އެއާޕޯޓެއް ތަރައްޤީ ކުރައްވާނެ ކަމަށެވެ.