އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ކުރިއަށް ގެންދާ “އޮޕަރޭޝަން ބްލޫ ވޭވް” ރަސްމީކޮށް ފަށައިފި

ކިޔުމަށް ހޭދަވާނީ 2މ 3ސ
އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ކުރިއަށް ގެންދާ “އޮޕަރޭޝަން ބްލޫ ވޭވް” ރަސްމީކޮށް ފަށައިފި
ސެޕްޓެމްބަރު 23 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ދިވެހިރާއްޖޭގެ ސުލްޙަވެރިކަމާ އަމާންކަން ދެމެހެއްޓުމަށްޓަކައި ފުލުހުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އޮޕަރޭޝަންކަމަށްވާ “އޮޕަރޭޝަން ބްލޫ ވޭވް 2018” ރަސްމީކޮށް ފަށައިފިއެވެ.

މިއޮޕަރޭޝަން ރަސްމީކޮށް ފަށާފައިވަނީ މިއަދު ހެނދުނު އިސްކަންދަރު ބިލްޑިންގ ކޮންފަރެންސްގައި ބޭއްވި ކޮމާންޑަރުންގެ ބައްދަލުވުމުގައެވެ.

އޮޕަރޭޝަން ރަސްމީކޮށް ފައްޓަވައި ދެއްވަމުން އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް ދެއްކެވި ވާހަކަފުޅުގައި، އިންތިޚާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި ހަރަކާތްތެރިވާ ކޮމާންޑަރުންނަކީ މުހިންމު ދަޢުރެއް އަދާކުރާ ބަޔަކަށްވުމާއެކު ރިޔާސީ އިންތިޚާބުގެ އެންމެހާ ކަންކަން ސުލްޙަވެރިކަމާއި އަމާންކަމާއެކު ނިންމާލުމަށް ހުރިހާ ކޮމާންޑަރުންވެސް އަޒުމް ކަނޑައެޅުމަށް އެދިފައިވެއެވެ.

އަދި އޮޕަރޭޝަނާއެކު ފުލުހުންގެ މަސައްކަތްތަކަށް ބަދަލުތަކެއް އަންނަކަން ފާހަގަކުރައްވައި، މަސައްކަތްތަކުގައި ހުރަސްތަކާއި ކުރިމަތި ވާނެކަމަށާއި ޚާއްސަކޮށް އަތޮޅުތަކުގައި ހުރަސްތައް ހުރިނަމަވެސް ހިތްވަރާއެކު މަސައްކަތްކުރުމުގައި ސާބިތުވެ ތިބުމަށް އެދިފައިވެއެވެ.

މި ބައްދަލުވުމުގައި ވަނީ ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ތައްޔާރުވެފައިވާ މިންވަރު ބެލުމުގެ ގޮތުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ފުލް ސްކޭލް އެކްސަސައިޒް ކުރިއަށް ދާނެގޮތުގެ މަޢުލޫމާތާއި އެކްސަސައިޒްގައި ފުލުހުންގެ އެކި ޑިޕާޓްމަންޓްތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތުވެސް ހިއްސާކޮށްފަވެއެވެ.

މިއަދު ބޭއްވި މި ބައްދަލުވުމުގައި އޮޕަރޭޝަން ބްލޫ ވޭވްގެ ކޮމާންޑަރު އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޙަމްދޫން ރަޝީދު އާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ފުލުހުންގެ އެކި ޑިޕާޓްމަންޓްތަކުގެ އިސްވެރިންގެ އިތުރުން ވީޑިއޯ ކޯލް މެދުވެރިކޮށް ޕޮލިސް ޑިވިޜަންތަކުގެ ކޮމާންޑަރުންވެސް ބައިވެރިވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން ބްލޫ ވޭވްގައި ހަރަކާތްތެރިވާ ފުލުހުން މިހާރުވަނީ އަތޮޅުތަކަށް ގޮސްފައެވެ. އަދި މި އޮޕަރޭޝަނުގައި މާލެ އާއި އަތޮޅުތެރޭގައި ގިނަ ޢަދަދެއްގެ ފުލުހުން ހަރަކާތްތެރިވާނެކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

އެގޮތުން މާލޭގައި މިހާރުވެސް ޚާއްޞަ މަސައްކަތްތަކެއް ފުލުހުން ކުރަމުންދާއިރު، ރަށްތަކުގައި އަމަން އަމާންކަން ބެލެހެއްޓުމުގައި އިތުރު ސަމާލުކަމެއްދީގެން ފުލުހުން ހަރަކާތްތެރިވެއެވެ


ޙަބަރު ޕޮލިސް
މިއަދު އޮންލައިން