ދީނީ ހޭލުންތެރިކަން އިތުރުކުރަން ހުރަސްތައް ވަނީ ކުރިމަތިކޮށްފަ - ކުރިން ކޮންމެ ދަރުސަކަށް ޚާއްޞަ ހުއްދައެއް ހޯދާކަށް ނުޖެހޭ: ޝައިޚް އިލްޔާސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ދީނީ ހޭލުންތެރިކަން އިތުރުކުރަން ހުރަސްތައް ވަނީ ކުރިމަތިކޮށްފަ - ކުރިން ކޮންމެ ދަރުސަކަށް ޚާއްޞަ ހުއްދައެއް ހޯދާކަށް ނުޖެހޭ: ޝައިޚް އިލްޔާސް
ރައީސް ޔާމީނުގެ ސަރުކާރުގެ ކުރިން ކޮންމެ ދަރުސެއް ދެއްވުމުގެ ކުރިން ޚާއްޞަ ހުއްދައެއް ހޯއްދަވަން ޢިލްމުވެރިންނަށް ޖެހިވަޑައި ނުގަންނަވާ ކަމަށް ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.

ޝައިޚް އިލްޔާސް ރޭ ވިދާޅުވީ މީގެ ކުރިން އިސްލާމިކް މިނިސްޓްރީން ދީނީ އިލްމުވެރިންނަށް ހުއްދަ ދެއްވުމަށްފަހު އެ އިލްމުވެރިއެއްގެ ނަންފުޅު ލިސްޓެއްގައި ހިމަނުއްވާ ކަމަށެވެ. އެ ލިސްޓުގައި ނަން ހިމެނުމުން ކޮންމެ ދަރުސަކަށް ވަކިން ޚާއްޞަ ހުއްދައެއް ހޯދަން ނުޖެހޭ ކަމަށެވެ.

ޝައިޚް އިލްޔާސް ވިދާޅުވީ ހުއްދަ ދޫކުރެވިފައިވާ ޢިލްމުވެރިންގެ ލިސްޓް އެއިރު އޮންނަނީ ރަށްރަށަށް ވެސް ފޮނުވާފައި ކަމަށާއި އެހެންކަމުން ރަށަކަށް ވަޑައިގަތުމުން ދަރުސެއް ދެއްވަން ރައްޔިތުން އެދުމުން އިތުރު ހުއްދައަކާއި ނުލައި ދަރުސް ދެއްވޭ ކަމަށެވެ. "ނަމަވެސް މިހާރު ރަށަކަށް ދިއުމުން ދަރުސެއް ދޭން އެދުނު ނަމަވެސް އެކަން ކޮށްދެވޭކަށް ނޯވޭ. ކުރިއާލައި ކޮންމެ ދަރުސަކަށް ޚާއްޞަ ހުއްދައެއް ހޯދަންޖެހޭތީ ދަރުސް ދިނުމަށް ވަނީ ހުރަސްތައް ކުރިމަތިވެފައި."

ޝައިޚް އިލްޔާސް ވިދާޅުވީ އޭނާއަކީ އަމިއްލަފުޅަށް ޚުޠުބާ ވިދާޅުވަމުން ގެންދެވި ބޭފުޅެއް ކަމަށާއި ދުވަހަކުވެސް އަމިއްލަފުޅު އެއްވެސް ވާހަކަފުޅެއް ޚުޠުބާގައި ވިދާޅުވެފައި ނުވާނެ ކަމަށެވެ. ނަމަވެސް އެމަނިކުފާނު ޚުޠުބާގައި ހަދީޘް ފުޅެއް ވިދާޅުވުމުން ހުއްދަތައް 9 މަސްދުވަސް ވަންދެން ހިފަހައްޓާފައިވާ ކަމަށެވެ. އަދި ޙަދީޘްފުޅެއް ވިދާޅުވުމުން ޓެރަރިޒަމްގެ ތުހުމަތުކޮށް ތަޙްޤީޤްކޮށް ދައުވާކުރާނެ ކަމުގެ ބިރު ދައްކާފައިވާ ކަމަށެވެ.
މިއަދު އޮންލައިން