ޤައުމު ރޯ ރުއިމުގެ އަޑު އައްސަވައި އަދި ޙާލަތު ބައްލަވައި ދެއްވުމަށް ވިޔަފާރިވެރިންގެ އަރިހުން ފައިޞަލް އެދިވަޑައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 54ސ
ޤައުމު ރޯ ރުއިމުގެ އަޑު އައްސަވައި އަދި ޙާލަތު ބައްލަވައި ދެއްވުމަށް ވިޔަފާރިވެރިންގެ އަރިހުން ފައިޞަލް އެދިވަޑައިގެންފި
ޤައުމު ރޯ ރުއިމުގެ އަޑު އައްސަވައި އަދި ޤައުމުގައި ކަންކަން ހުރި ގޮތުގެ ޙާލަތު ބައްލަވައި ދެއްވުމަށް ރާއްޖޭގެ ވިޔަފާރިވެރިންެގެ އަރިހުން ރަނިންމޭޓް ފައިޞަލް އެދިވަޑައިގެންފި އެވެ.

ފައިޞަލް މިރޭ ވިދާޅުވީ ވިޔަފާރިވެރިންނަކީ ޤައުމުގެ ޙާލަތު އެންމެ ގާތުން ބައްލަވަން އެންމެ އައުލާކަން ބޮޑު ބޭފުޅުން ކަމަށެވެ. އެހެން ކަމަށްވާއިރު އެ މަސްއޫލިއްޔަތު ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އިޚްލާޞްތެރިކަާއިއެކު އަދާކޮށްދެއްވުމަށް މަސައްކަތްޕުޅު ކޮށްދެއްވުމަށްވެސް އެދިވަޑައިގަންނަވާ ކަމަށެވެ.

ފައިޞަލް ވިދާޅުވީ ގިނަ އަދަދެއްގެ މީހުންނަށް ވިޔަފާރިވެރިން ވަނީ ވަޒީފާ ދެއްވާފައި ކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުންގެ އެތައް ބައަކަށް ދަނީ ފައިދާކުރަމުން ކަމަށެވެ.

"ޤައުމުގެ ހާލަތު އެބޭފުޅުންނަށް ވަރަށް ގާތުން ފެނިވަޑައިގަންނަވާނެ. އެހެންވީމާ މިދަންނަވަނީ ރައްޔިތުންނަށް ހިތްދަތިކަން ނުދެއްވާށޭ. ރައްޔިތުން އެދޭ ބަދަލު ގެނައުމަށް އެހީތެރިވެދެއްވާށޭ. ހަމަ ތިއަބޭފުޅުންގެ ހިތްޕުޅުގައިވެސް އޮތް ގޮތް އަމަލުންވެސް ދައްކަވައި ދެއްވާށޭ."

ފައިޞަލް ވިދާޅުވީ ވިޔަފާރިވެރިންނަށްވެސް ރައްޔިތުންނަށް ވެސް އެންމެ ފައިދާހުރި ގޮތަކީ ވިޔަފާރިވެރިންވެސް ރައްޔިތުންނާއި ގުޅިވަޑައިގަތުން ކަމަށާއި ޤައުމުގެ ކަންކަން އިޞްލާޙުކުރަން ރައްޔިތުން ކުރަމުން ގެންދާ މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގަތުން ކަމަށެވެ.

ފައިޞަލް ވިދާޅުވީ ރައްޔިތުންގެ ހިތްތަކުގައި އިސްލާމ ދީނަށް ލޯބި އިތުރުކޮށް ދީނުގައި ކަންކަން އޮތްގޮތް އަންގަވައިދެއްވަން ކަނޑުތައް ހުރަސްކޮށް ދަތުރުކުރައްވައި ވަރަށް ބުރަކޮށް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ދީނީ ޢިލްމުވެރިން އެބަތިއްބެވި ކަމަށާއި އެބޭފުޅުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ޝުކުރުވެރިކަމާއިއެކު ބަލައިގަންނަން ޖެހޭ ކަމަށެވެ.

ފައިޞަލް ވިދާޅުވީ ޝައިޚް އިލްޔާސް އަކީ ވެސް އެފަދައިން މަސައްކަތްޕުޅު ކުރައްވާ ޢިލްމުވެރިއަކަށް ވެވަޑައިގަންނަވާއިރު އެމަނިކުފާނަށް ހުރަސް އަޅަން އެއްވެސް ފަރާތަކުން އެއްވެސް މަސައްކަތެއް ނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"މިއަދުވެސް ދަރުސް ދެއްވަން ތަނެއް ހަމަޖެހިގެން ދިއައީ ވަރަށް ދަތިހާލުގަ. ދީނީ އިލްމުވެރިންނަށް އަރުވަން އޮތް އުފާވެރި ޚަބަރަކީ ކޯލިޝަނުގެ ސަރުކާރުގަ ހުރިހާ ދީނީ ޢިލްމުވެރިންނަށްވެސް މިނިވަންކަމާއެކު މަސައްކަތްޕުޅު ކުރެއްވޭނެ ގޮތް ހަދައިދޭނެ ވާހަކަ." ކަމަށްވެސް ފައިޞަލް ވިދާޅުވިއެވެ.
މިއަދު އޮންލައިން