މާލޭގައި މިފަހަކަށް އައިސް ތަފާތު އެކި ކަންކަން މިދަނީ ހިނގަމުންނެވެ.
އޭގެ ތެރޭގައި މާރާމާރީ ހިންގުމާއި، އެކަކު އަނެކަކަށް ތޫނު އެއްޗެހިން ހަމަލާ ދިނުމުގެ އިތުރުން ވައްކަމާއި ފޭރުން ވެސް ދަނީ ކުރިއަށެވެ.
އާންމުގޮތެއްގައި މިފަދަ ކަންކަން ރޭގަަނޑުގެ ވަގުތުގައި ހިނގި ކަމުުގައި ވިޔަސް، ދާދި ފަހުން ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއެއް ފެނިފައި، ދުވާލު ގަޑީގައި ވެސް ރައްކާތެރިވެގެން ތިބުމަށް ސަމާލުކަން ދޭން ޖެހޭކަން މިވަނީ ހާމަވެފައެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި، އަންހެން ކުއްޖަކު ސައިކަލަކުން ދަނިކޮށް، ފަހަތުން އައި ސައިކަލެއްގައި އިން ދެ ފިރިހެނަކު ވަނީ އޭނާ ހުއްޓުވާފައެވެ. އަންހެން ކުއްޖާއިން ސައިކަލު ހުއްޓުވުމަށްފަހު، އެ ދެ ފިރިހެނުންގެ ތެރެއިން ފަހަތުގައި އިން މީޙާ ސައިކަލުން ފޭބުމަށްފަހު ގަދަކަމުން އަންހެން މީހާގެ އަތް ދަބަސް ފޭރިގަނެގެން ހިފައިގެން ދެއެވެ. އަތްދަބަސް ނުދޭން އަންހެން މީހާ މަސައްކަތް ކުރާތަން ވެސް ފެނެއެވެ. ނަމަވެސް އޭނާ އަށް އެމީހުންނަށްވުރެ ބާރުގަދައެއް ނުވެވުނެވެ.
މިމަހުގެ އެއްވަނަ ދުވަހު ރިކޯޑު ކުރެވިފައިވާ މިވީޑިއޯ ކްލިޕުން، ހީވާގޮތުައި ފެންނަނީ މާލޭގެ ގޯޅިއެއް ތެރެއެވެ.
މިފަދަ ކަންކަން މިހާރު އާންމުވެ، ދުވާލު ގަޑީގައިވެސް މަގުތައް އަމާން ނުވުމަކީ ކޮންމެ ރައްޔިތަކުވެސް އަދި ކަމާއިބެހޭ ފަރާތްތަކުން ވެސް މިކަމާއި ވިސްނާ، ސަމާލުވެ އަދި މިކަމުން ސަލަމާތް ވެވޭނެ ގޮތްތަކެއް ހޯދަން ޖެހޭ ކަމެކެވެ. އަދި މިފަދަ ކަމެއް ދިމާވާ މަންޒަރު ފެނުމުން، އެކަކު އަނެކަކަށް އެހީތެރި ނުވެ ނުތިބެ، ފަރުދީ ޒިންމާ އަދާ ކުރުމަކީ ވެސް މުހިންމު ކަމެއް ކަމުގައި ދެކެމެވެ.