ހުވައާ ޚިލާފްވި ކޮންމެ މީހަކާ ﷲ ވަކިވަކިން ސުވާލުކުރައްވަވާނެ - ޖެހޭނީ ޖަވާބުދާރީވާން: ޝައިޚް އިލްޔާސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ހުވައާ ޚިލާފްވި ކޮންމެ މީހަކާ ﷲ ވަކިވަކިން ސުވާލުކުރައްވަވާނެ - ޖެހޭނީ ޖަވާބުދާރީވާން: ޝައިޚް އިލްޔާސް
ﷲ ތަޢާލާ ގަންދީ ހުވާ ކުރުމަށްފަހު އެ ހުވައާއި ޚިލާފުވާ ކޮންމެ މީހަކާއި ﷲ ތަޢާލާ ވަކިވަކިން ސުވާލު ކުރައްވަވާނެ ކަމަށާއި ޖެހޭނީ ޖަވާބުދާރީ ވާން ކަމަށް ވިދާޅުވެ ހުވައަށް އަމާނާތްތެރިވުމަށް ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން އިލްތިމާސް ކުރައްވައިފިއެވެ.

ގުޅިގެން ތިބި ކޯލިޝަނުން މިރޭ ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ޝައިޚް އިލްޔާސް ވިދާޅުވީ ހުވާކުރުމަށްފަހު ހުވައަށްވުރެ "މަތީގައި" ހަމަ އެކަކަށްވެސް ނުހުރެވޭނެ ކަމަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނަމަވެސް އަދި ރައީސުލްޖުމްހޫރިއްޔާ ނަމަވެސް އަދި ފަނޑިޔާރުން ނަމަވެސް އެއްވެސް މީހަކު އިސްތިސްނާ ނުވާނެ ކަމަށެވެ.

ޝައިޚް އިލްޔާސް ވިދާޅުވީ ކޮންމެ މަޤާމަކަށް ހުވާ ކުރި ނަމަވެސް ﷲ ތަޢާލާއަށް ތެދުވެރިވުމަށާއި ރައްޔިތުންނަށް އިޚްލާޞްތެރިވާނެކަމަށް ހުވާގައި ބަޔާންކޮށްފައި އޮންނައިރު އެހުވައާއި ޚިލާފަށް ހަމަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށެވެ.

ޝައިޚް އިލްޔާސް ވިދާޅުވީ ޚިޔާނާތްތެރި ނުވުމަށާއި އަމާނާތްތެރިވުމަށާއި އަދުލަށް ކަންކަން ކުރުމަށް ﷲ ތަޢާލާ ގަދައަޅުއްވަވައި އަމުރުފުޅު ކުރައްވަވާއިރު އެއަމުރުފުޅުތަކާއި ޚިލާފަށް އެއްވެސް ކަމެއް ކުރުމަކީ ހުވައާއި ޚިލާފްވުން ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނުތައް އިސްލާމް ދީނާއި ޚިލާފަށް ފާސްކުރުމަކީ ވެސް ހުވައާއި ޚިލާފްވުން ކަމަށެވެ.

ގެވެށި އަނިޔާގެ ބިލު މަޖިލީހުން ފާސްކުރިއިރު އައްނިސާ ސޫރަތަށް ބަލާފައި ނުވާކަން ފާހަގަކުރައްވައި އިލްޔާސް ވިދާޅުވީ ގެވެށި އަނިޔާގެ މައްސަލަތަކުގައި އަމަލުކުރަންޖެހޭ ގޮތް އެ ސޫރަތުގައި ވަރަށް ތަފްޞީލުކޮށް ވަނީ ބަޔާންކޮށް ދެއްވާފައި ކަމަށެވެ.

ޝައިޚް އިލްޔާސް ވިދާޅުވީ އިސްލާމް ދީނުގައިވާ ގޮތާއި ޚިލާފަށް ކަންކަން ކުރުމުން ފާއިތުވި ހުރިހާ ސަރުކާރުތަކުގައިވެސް ވާނީ ފާޑު ވިދާޅުވެފައި ކަމަށެވެ. ބައަކު ކިތަންމެ ވަރަކަށް ނުރުހުނު ނަމަވެސް އެގޮތުގައި ސާބިތުކަންމަތީގައި ދެމިހުންނަވާނެ ކަމަށެވެ.
މިއަދު އޮންލައިން