ސެޕްޓެމްބަރ 23ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ސަލާމަތީކަންކަން ހަރުދަނާ ކުރުމަށް ފުލުހުން ވަމުންދާ ތައްޔާރީ ތަކުގެ ތެރެއިން އޮޕަރޭޝަން ބްލޫ ވޭވްގެ ފުލްސްކޭލް އެކްސަސައިޒެއް ބޭއްވަށް ހަމަޖެހިއްޖެއެވެ.
ސެޕްޓެމްބަރ 5ން 10ށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މިއެކްސަސައިޒަކީ މާލެއާއި އަތޮޅުތައް ހިމެނޭގޮތަށް މުޅި ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ އެކްސަސައިޒެކެވެ. މިއެކްސަސައިޒުގައި، އިންތިޚާބުގެ ވޯޓުލުން އޮންނަ ދުވަހު ނުވަތަ އޭގެ ކުރިންނާއި އަދި ފަހުންވެސް ހިނގާފާނެފަދަ ޙާދިސާތަކުގެ މައްޗަށް ބަލައި ތަފާތު ސިނާރިއޯތަކަށް ފަރިތަކުރުންތައް ކުރިއަށް ގެންދާގޮތަށް ހަމަޖެހިފައިވެއެވެ.
5 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި އެކްސަސައިޒްގެ ތެރެއިން ފުލުހުން ތައްޔާރުވެފައިވާ މިންވަރު ދެނެގަތުމާއި ބްލޫ ވޭވް އޮޕަރޭޝަނުގައި ހަރަކާތްތެރިވާ އެކި ޓީމްތަކާއި ފުލުހުންގެ އެކި ޑިޕާޓްމަންޓްކަށް ހަވާލުކުރެވިފައިވާ ޒިންމާތައް އަދާކުރާ ގޮތްތައް ބަލައި އެސެސް ކުރެވޭނެއެވެ.
ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ކުރިއަށް ގެންދާ ބްލޫ ވޭވް އޮޕަރޭޝަން ރަސްމީކޮށް ފަށާފައިވާއިރު ފުލުހުން ދަނީ މާލެއާއި އަތޮޅުތަކުގައި ހަރަކާތްތެރިވަމުންނެވެ.
ޙަބަރު ޕޮލިސް