ރައީސް ޔާމީން މާމިގިއްޔަށް މިއަދު ވަޑައިގަންނަވާތީ ރެއިން ފެށިގެން ބަނދަރު ސަރަހައްދު ބަންދު - ސްކޫލުގެ ކިޔެވުން ވެސް ބަންދު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 13ސ
ރައީސް ޔާމީން މާމިގިއްޔަށް މިއަދު ވަޑައިގަންނަވާތީ ރެއިން ފެށިގެން ބަނދަރު ސަރަހައްދު ބަންދު - ސްކޫލުގެ ކިޔެވުން ވެސް ބަންދު!
ރައީސް ޔާމީން މާމިގިއްޔަށް މިއަދު ވަޑައިގަންނަވާތީ ރެއިން ފެށިގެން ބަނދަރު ސަރަހައްދު ބަންދުކޮށްފައިވާތީ ގިނަ ބައަކު ވަނީ ކަންބޮޑުވުން ފައުޅުކޮށްފައެވެ.

މިއަދުނޫހަށް މައުލޫމާތު ދިން މީހަކު ބުނީ ސަރަހައްދުގައި ހުރި ކެފޭތައް ރެއިން ފެށިގެން ބަންދުކޮށްފައި ބަހައްޓަންޖެހުމުން ވިޔަފާރިތަކަށް ވަރަށް ބޮޑަށް ގެއްލުން ލިބުނު ކަމަށާއި އަދި ޚިދުމަތް ހޯދާ މީހުންނަށް ދަތިތައް ކުރިމަތިވި ކަމަށެވެ. އަދި ސަރަހައްދުގެ ގޯޅިތަކަށް ސައިކަލުގައި ނުވަދެވޭތީ ވެސް ދަތިތައް ކުރިމަތިވި ކަމަށެވެ.

"ރައްޔިތުން އެންމެ ބޮޑަށް ރުޅިގަދަވީ ސްކޫލުގެ ހެނދުނު ދަންފަޅީގައި ކިޔަވައި ނުދީ ކިޔެވުން ބަންދުކުރީމަ. ޓީޗަރުންނާ ސަރުކާރު މުވައްޒިފުން ރަސްމިއްޔާތަށް ގެންދުވަން ވެގެން ކުރި ކަމެއް ކަމެއް އެއީ، ދެން މިވަރުވީމާ ތަންކޮޅެއް ކަންތައް ބޮޑުހެން ހީވަނީ. އީދުގެ ދިގު ޗުއްޓީއާ މިނިވަން ދުވަހުގެ ބަންދުތަކާ ބަނދު ދުވަސްތައް އެކުވެ ކިޔަވައިދޭން މިއުޅެނީ ވަގުތު މަދުވެގެން."

އޭނާ ބުނީ އެރަށުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް ބާއްވަން ހަމަޖެހިފައި އޮތް ކަމުގެ މައުލޫމާތު ކުރިން ލިބުނު ކަމަށާއި ނަމަވެސް ޖަލްސާއެއް ނުބާއްވަވާ ކަމަށެވެ. ހަމައެކަނި ޕީޕީއެމްގެ ސަޕޯޓަރުންނާއި ބައްދަލުކުރެއްވުމަށްފަހު ފުރާވަޑައިގަތީ ކަމަށެވެ.

"ސަބަބެއް ނޭނގެ. ބައެއް މީހުން ބުނަނީ ރަށްރަށުން މީހުން ގެނައުމުން ވެސް ޖަލްސާގައި ބައިވެރިވާން އެކަށީގެންވާ ވަރަށް މީހުން ނެތުމުން ޖަލްސާ ނުބޭއްވީ ކަމަށް."

ރައީސް ޔާމީން މިއަދު ވަނީ އެރަށުގައި ސަރުކާރުން ޤާއިމުކުރި ނަރުދަމާ އިފްތިތާޙްކޮށް ދެއްވައިފައެވެ.

މިނިސްޓަރު ޠާރިޤް އިއްޔެ ވަނީ އަރިއަތޮޅުގެ ރައްޔިތުން ޤާސިމް އިބްރާހީމްއަށް ތާއީދުކުރުން ހުއްޓާލައި ރައީސް ޔާމީނަށް ތާއީދުކުރަން ފެށުމަށް ގޮވާލައްވައިފައެވެ. މިކަމާއި ގުޅިގެން އަރިއަތޮޅުގެ ގިނަ ބައަކު ވަނީ ނުރުހުން ފައުޅުކޮށްފައެވެ.

އެމީހުން ބުނަމުންދަނީ މީހުން ދެކެ ލޯބިވުމާއި ތާއީދު ކުރުމަކީ މީހަކު ބުނެގެން ކުރެވޭނެ ކަމެއް ނޫން ކަމަށާއި ހިތްތަކުގެ ލޯބި ހޯދޭނީ އިޚްލާޞްތެރިކަން ދައްކައިދީގެން ކަމަށެވެ. ރައްޔިތުންނަށް އިޚްލާޞްތެރިވެ ރައްޔިތުންނަށް އޯގާތެރިވެގެން ކަމަށެވެ. "ޤާސިމް އިބްރާހީމް ރައްޔިތުންގެ ލޯބި ހޯއްދެވީ މީހަކު ލައްވައި ބުނުވައިގެނެއް ނޫން. އަދި އެމަނިކުފާނު އެދިވަޑައިގަނެގްނެއްވެސް ނޫން. އޯގާތެރިކަން، އެހީތެރިކަން އިޚްލާޞްތެރިކަން ފޯރުކޮށްދެއްވައިގެން. ދެން ކިހިނެއްތޯ ރަށަކަށް އަރާ ހޭޅިފަށުގައި މީހަކު ދައްކާ ވާހަކައަކުން ބުނެލާ ބަހަކުން އެކަން ބަދަލުކުރެވޭނީ."

ގުޅިފައިވާ ކޯލިޝަނަށް ތާއީދުކުރުމުގެ ގޮތުން އިއްޔެ މާމިގިލީ ރައްޔިތުން ވަނީ ބޮޑު ހިނގައިލުމެއްވެސް ބާއްވައިފައެވެ.

ރައީސް ޔާމީން ވަޑައިގަންނަވާތީ ބަންދުކުރި ސަރަހައްދުތައް އެމަނިކުފާނު މާމިގިލިން ފުރާ ވަޑައިގަތުމުން ވަނީ ހުޅުވައިފައެވެ. އަދި ސްކޫލުގައި ކިޔަވައިދިނުން ވެސް ވަނީ މެންދުރުފަހު ދަންފަޅީގައި ކުރިއަށް ގެންގޮސްފައެވެ.
މިއަދު އޮންލައިން