މި މަހު ބާއްވާ ރިޔާސީއިންތިހާބުގެ ކުރިން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެންމެ ބޮޑެތި މަތިންދާ ބޯޓު، "އޭ380" ޖައްސަން ފަށާނެކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އދ. މާމިގިލީގެ ނަރުދަމާގެ ނިޒާމު މިއަދު އިފްތިތާހުކޮށްދިން ރަސްމިސްޔާތުގައި ރައީސްއަބްދުﷲ ޔާމީން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެމަނިކުފާނުގެ ރައީސް ކަމުގެ ފަސްއަހަރުތެރޭގައި ތަރަށްގީގެން މުޅިން އާ ހަރުފަތަކަށް ރާއްޖެ ގޮސްފައިވާ ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ނަންގަވައި ވިދާޅުވީ ވޯޓުގެ ކުރިން " އެންމެ ބޮޑެތި މަތިންދާ ބޯޓު ދިވެހިރާއްޖޭގެ އެއާޕޯޓުގައި ޖައްސާނެ" ކަމަށެވެ.
”މިއީ، ކުޑަކުޑަ ގައުމަކުން ރޮކެޓް ހަދައިގެން ހަނދަށް ދިއުން ފަދަ ކަމެއް ނޫންތޯ މީގެ ކުރީގެ ވިސްނުމުގައި ތިބި ނަމަ. އެކަމަކު މިއަދު މިދައްކަނީ އެންމެ ބޮޑު މަތިންދާ ބޯޓު ޖައްސާނެ ވާހަކަ. އެހެންވީމަ ދެން ނެތެއް ނޫންތޯ އިތުރަށް ދައްކާނެ ވާހަކައެއް،" އެމަނިކުފާނު ވިދާޅުވި އެވެ.
އޭ-380 ގެ ބޯޓުތަކީ ގާތްގަނޑަކަށް 700 ޕަސެންޖަރުންގެ ބޯޓެކެވެ. އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރަށްގީ ކުރަމުން ދަނީ ގާތްގަނޑަކަށް 350 މިލިއަން ޑޮލަރަށެވެ.
ރައީށް އަބްދުﷲ ޔާމީން މާމިގިއްޔަށް މިއަދު ވަޑައިގެން އެ ރަށުގެ ރަށްޔިތުންގެ ކިބައިން އިންތިޚާބުގައި އެމަނިކުފާނަށް އިތުރު ދައުރަކަށް ހޮވައި ދެއްވުމަށް އެދިވަޑައިގެންނެވިއެވެ.