މުޒާހަރާއެގައި ބައިވެރިވެގެން ވަޒީފާއިން ކަނޑާލި މީހަކަށް ބަދަލު ދޭން އަމުރުކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 2ސ
މުޒާހަރާއެގައި ބައިވެރިވެގެން ވަޒީފާއިން ކަނޑާލި މީހަކަށް ބަދަލު ދޭން އަމުރުކޮށްފި
އިދިކޮޅު މުޒާހަރާއެއްގައި ބައިވެރިވި ކަމަށްބުބެ މޯލްޑިވްސް ޕޯސްޓް ލިމިޓެޑް (އެމްޕީއެލް) ގެ ވަޒީފާއިން ކަޑާލި މީހާއައް ބަދަލު ދިނުމަށް ޓްރައިބިއުނަލް އިން އަމުރުކޮށްފިއެވެ.

އެމްޕީއެލްގެ އޮޕަރޭޓަރެއްގެ ވަޒީފާގައި ހުރި މީހާ ވަޒީފާއިން ވަކިކޮށްފައި ވަނީ މިއަހަރުގެ ފެބުރުއަރީ މަގައި ސްޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން އެރޭ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގައި ބައިވެރިވިކަމަށް ބުނެއެވެ. އޭނާ ވަޒީފާއިން ވަކިކުރީ ރަސްމީ ޑިއުޓީއަށް ސަލާމް ބުނުމަށްފަހު އާންމު މަސްލަހަތަށް ގެއްލުން ލިބޭފަދަ އަމަލެއްގައި ބައިވެރިވި ކަމަށް ބުނެފައި އެވެ.

ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްއަށް އެމީހާ މިމައްސަލަ ހުށަހެޅުމުން، އެތަނުން އިއްޔެ ނިންމާފައިވަނީ އެމީހާ ވަޒީފާއިން ވަކި ކޮށްފައިވަނީ، ވަޒީފާއިން ވަކި ކުރުން ހުއްދަ ހާލަތެއް އޮވެގެންކަމަށް ސާބިތު ނުވާކަމަށާއި އޭނާ ވަކި ކޮށްފައި ވަނީ ވަޒީފާއާއި ބެހޭ ގާނޫނާއި ހިލާފަށް ކަމަށެވެ.

އެހެންކަމުން ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ބަދަލެއްގެ ގޮތުގައި އޭނާއަށް 12،500ރ. އެއްފަހަރާ ދިނުމަށް އެމްޕީއެލްގެ މަށްޗަށް އަމުރުކުރުމަށް ޓްރައިބިއުނަލްގެ ނިންމުމުގައި ވެއެވެ.

ނަމަވެސް އޭނާއަށް އަނބުރާ އެ އިދާރާއިން ވަޒީފާ ދިނުމަށް އަމުރު ނުކުރެވޭނެ ކަމަށް އެ ނިންމުމުގައި ވެއެވެ.
މިއަދު އޮންލައިން