އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި މާލޭގެ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދޭނެ ކަމަށް، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިރޭ ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަންގެ މާފަންނުގައި "މާފޮޅޭ ޖަގަހަ" ހުޅުވައިދެއްވުމަށްފަހު އިބޫ ވިދާޅުވީ މާލޭގެ ބޭރުން ރީތި އިމާރާތްތަކެއް ފެންނަން ހުއްޓަސް، ގެދޮރުގެ ދަތިކަން ބޮޑުކަމުން ވަރަށް ހާލުގައި މާލޭ ރައްޔިތުން ދިރިއުޅޭ ހާލަތު ބައްލަވާފައިވާ ކަމަށެވެ.
އިބޫ ވިދާޅުވީ "އަޅުގަނޑުމެންގެ ވެރިކަމުގައި، އިރާދަކުރެއްވިއްޔާ ބޯހިޔާވަހިކަމުގެ ސިޔާސަތު ކަނޑައެޅިގެންދާއިރުގައި މި މާލޭގައި، މާލޭގެ އެއްވެސް ރައްވެއްސަކު ބޯހިޔާވަހިކަން ނުލިބި ނުހުންނާނެ. ދަތިހާލުގައި އެއްވެސް ބޯހިޔާވަހިކަމެއް ނެތް ރައްޔިތުންނަށް، ގޮތެއް ފެންނަންދެން، އާމްދަނީއެއް ލިބެންދެން، ސަރުކާރުން ހިލޭ ބޯހިޔާވަހިކަމެއް ފޯރުކޮށްދޭނަން،" ކަމަށެވެ.
މީގެއިތުރުން އިބޫ ވިދާޅުވީ އާމްދަނީން ކުލި ދައްކައިގެން ރަނގަޅު ދިރިއުޅުމެއް އުޅެވޭ މީހުންނަށް ވެސް ސަރުކާރުން ސަބްސިޑައިޒްކޮށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށާއި އޭގެ އިތުރުން ފްލެޓް ގަންނަން ބޭނުންވާ މީހުންނަށް ޑައުންޕޭމަންޓް ދެއްކުމަށް ވެސް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދެއްވާނެ ކަމަށެވެ.
ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ކުޑަކޮށް އެ ފައިސާ ދެއްކުމުން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށާއި އެއީ ހަ ޕަސެންޓުގެ އިންޓްރަސްޓާއެކު، މަހަކު 5،000ރ. ދައްކައި ދިގު މުއްދަތެއްގެ ތެރޭގައި ހަލާސްކުރަންޖެހޭ ލޯނަކަށް ހަދާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.