އިދިކޮޅު ކޯލިޝަންގެ ސަޕޯޓުކުރާ އާންމުންނަށް ސަރުކާރުން ބިރު ދައްކަން މަސައްކަތް ކުރަމުންދާ ކަމަށާއި އެހެންނަމަވެސް ސަޕޯޓަރުން ތިބީ ފަހަތަށްޖެހޭ ގޮތަށް ނޫން ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.
ފުވައްމުލަކު ޖަޒީރާ ޖަހަގަ މިރޭ ހުޅުވުމަށްފަހު އިބޫ ވިދާޅުވީ އަޅުގަނޑުމެންނަށް ބިރު ދައްކައި ބަންދުކުރުމުގެ ވާހަކަތަކެއް އެބަ ދެކެވޭކަމަށާއި އެހެން ނަމަވެސް އަޅުގަނޑުމެންގެ ސަޕޯޓަރުން ތިބީ މިކަން ދޫކުރާ ގޮތަކަށް ނޫންކަމަށެވެ. އަދި އަޅުގަނޑުމެންގެ އެއްވެސް ސަޕޯޓަރެއް، އަޅުގަނޑުމެންގެ އިސް ސަފުގައި އެ އުޅޭ އެއްވެސް މީހަކު ފަހަތަކަށް ނުޖެހޭނެކަމަށެވެ.
އިބޫ ވިދާޅުވީ މި ކުރި ދަތުރުތަކުގައި ރަށް ރަށުން މި މަންޒަރު ފެންނަމުން އެބަ ދާކަމަށާއި ސިވިލް ސާވަންޓުން، ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުން ބިރު ފަހަނައަޅައި ގޮސް އަޅުގަނޑުމެންގެ ކެމްޕެއިނާ ޖޮއިން ކުރަން ފައްޓައިފިކަމަށެވެ.
މިއަދުވެސް އިސްކަންދަރު ސްކޫލުގެ 20 އަށްވުރެ ގިނަ ޓީޗަރުން ވަނީ އިބޫ އާއި ބައްދަލުކޮށް އިބޫއަށް ތާއީދުކުރާކަން ހާމަކޮށްފިއެވެ.