ޝެއިޚް އިލްޔާސް ފުލުހަށް ހާޒިރުވާން އަންގައިފި

ކިޔުމަށް ހޭދަވާނީ 1މ 27ސ
ޝެއިޚް އިލްޔާސް ފުލުހަށް ހާޒިރުވާން އަންގައިފި
ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި އަދާލަތު ޕާޓީގެ ޢިލްމުވެރިންގެ ރައީސް ޝައިޚް އިލްޔާން ޙުސެއިން ފުލުހުންގެ އިދާރާއަށް ހާޒިރުވާން މިއަދު އަންގައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝައިޚް އިލްޔާސް ފުލުހަށް ހާޒިރުވާން އަންގާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ މަރާލި މައްސަލައާއި ގުޅޭގޮތުން ޝައިޚް ދެއްކެވި ވާހަކަތަކާއި ގުޅޭގޮތުން ސުވާލު ކުރެއްވުމަށެވެ.

އައްޑޫގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި އިއްތިހާދުގެ ޖަލްސާއެއްގައި ޝައިޚް އިލްޔާސް ވާހަކަ ދައްކަވަމުން ވިދާޅުވީ، ޑރ. އަފްރާޝީމް ގެ މަރާއި ގުޅުން ހުރި ނުވަ ގަތުލެއް މިހާތަނަށް ރާއްޖޭގައި ހިނގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށާއި އެތުހުމަތުތައް ކުރެވޭއިރު ފުލުހުން އެކަންކަން ތަހުގީގު ނުކޮށް އޮތީ ކީއްވެތޯއެވެ.

މިއަދު މެންދުރު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ތަރުޖަމާނު ޗީފް ސުޕަރިންޓެންޑެންޓް އޮފް ޕޮލިސް އަޙުމަދު ޗިފާން ވިދާޅުވީ، ޝައިޚް އިލްޔާސް ފުލުހަށް ހާޒިރު ކުރަނީ ޑރ. އަފްރާޝީމްގެ މަރާ ގުޅިގެން ދެއްކެވި ވާހަކަތަކަކާއި ގުޅިގެން ކަމަށެވެ. ޝައިޚް އިލްޔާސް ފުލުހަށް ހާޒިރުވުމަށް ޗިޓު ފޮނުވާފައިވާނެ ކަމަށް ވެސް ޝިފާން ވިދާޅުވިއެވެ.

ޑރ. އަފްރާޝީމްގެ މަރާއި ގުޅޭގޮތުން ޝައިޚް އިލްޔާސް ދެއްކެވީ ދޮގު ވާހަކަތަކެއް ކަމަށް ވެސް ޝިފާން ވިދާޅުވިއެވެ. އަދި އެވާހަކަތަކަކީ ފުލުހުންނާއި ދިވެހި ދައުލަތާއި ރައްޔިތުންގެ މެދުގައި ބިރުވެރިކަމާއި ފިތުނަ އުފެއްދުމަށް ދައްކަވާ ވާހަކަތަކެއް ކަމަށް ފުލުހުން ޤަބޫލު ކުރާ ކަމަށް ވެސް ޝިފާން ވިދާޅުވިއެވެ.

ޝައިޚް އިލްޔާސް ފުލުހަށް ހާޒިރުވުމަށް މިއަދު އަންގާފައިވަނީ، އެމަނިކުފާނު ހައްޔަރު ކުރަން އުޅޭ ކަމުގެ އަޑުތަކެއް ވެސް ފެތުރިފައި ވަނިކޮށެވެ.
މިއަދު އޮންލައިން