އަންނަ ހަފްތާއިންފެށިގެން ޓެބްލެޓް ބޭނުންކޮށްގެން ދަރިވަރުންނަށް ކިޔަވައިދޭން ފަށަނީ

ކިޔުމަށް ހޭދަވާނީ 1މ 24ސ
އަންނަ ހަފްތާއިންފެށިގެން ޓެބްލެޓް ބޭނުންކޮށްގެން ދަރިވަރުންނަށް ކިޔަވައިދޭން ފަށަނީ
ރާއްޖޭގެ ސްކޫލްތަކުގެހުރިހާ ދަރިވަރުންނަށްޓެބްލެޓް ބޭނުންކޮށްގެން ކިޔަވައި ދިނުން އަންނަ ހަފްތާގައި ފަށާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ހުރިހާ ސްކޫލްތަކަށް ޓެބްލެޓް ބަހާ ނިންމާފައި ވީނަމަވެސް، އެކި ސަބަބުތަކާ ހުރެ ގިނަ ސްކޫލްތަކުން އެ ބޭނުންކޮށްގެން ކިޔަވަން ފަށާފައެއް ނުވެއެވެ.

އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ މިވަގުތުގައި ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައި ދެމުން އަންނަނީ ހަމައެކަނި ގްރޭޑް 9 އަދި 10 ގެ ދަރިވަރުންނަށް ކަމަށެވެ.
"ރަށްރަށުގެ ހުރިހާ ސްކޫލަކަށް ޓެބްލެޓް ފޮނުވާލެވިފައިވަނީ. އެ ބޭނުންކުރަމުން އަންނަނީ މަތީ ގްރޭޑްތަކުން ފެށިގެން ދަށަށް. އެގޮތުން ވައިފައި ޓެސްޓުކޮށް އަންނަ ހަފުތާގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ދަރިވަރުން ޓެބްލެޓް ބޭނުންކުރާނެ،" ނަޒިރު ވިދާޅުވިއެވެ.

ދިރާސި އަހަރުގެ ދެވަނަ ޓާމުގައި ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދޭން ފަށާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކުރިން ބުނެފަ އެވެ. ނަމަވެސް ޖޫން މަހުގެ 18 ވަނަ ދުވަހު ދެވަނަ ޓާމްގެ ކިޔެވުން ފެށިގެން ދިޔައިރުން ޓެބްލެޓް ބޭނުން ކޮށްގެން ކިޔަވައިދިނުން ފަށާފައި ވަނީ ވަރަށް މަދު ސްކޫލެެއްގައިއެވެ.

ރާއްޖޭގައި ކިޔަވަމުންދާ ކުދިންނަށް ވާވަރަށް ޓެބްލެޓް ގަތުމަށް އެޑިއުކޭޝަން މިނިސްޓްރީ ވަނީ މެކްސްކޮމް ކުންފުންޏާ ހަވާލުކޮށްފަ އެވެ. އަދި ދަރިވަރުންގެ އިތުރުން ޓީޗަރުންްނަށް ދިނުމަށް 70000 އަށްވުރެ ގިނަ ޓެބްލެޓް ރާއްޖެއަށް ގެނެސްފައި ވެއެވެ. އެގޮތުން ކަލާސްރޫމްތަށް ޑިޖިޓަލައި ކުރުމަށް ސަރުކާރުން ވަނީ 154 މިލިއަން ރުފިޔާ ކަނޑައަޅާފައެވެ.
މިއަދު އޮންލައިން