ޒުވާނުންނަށް މިއަށްވުރެ ގިނަ ދޮގު ހެދި ސަރުކާރެއް ނެތް ކަމަށާއި ސަރުކާރު ހިންގާ ޕާޓީގައި ހުރެފައި ސަރުކާރަށް ތާއީދު ކުރުން ހުއްޓާލީ ދޮގު ހަދައި އޮޅުވައިލާތީ އާއި ޤާނޫނުން ބޭރުން ކަންތައްތައް ކުރާތީ ކަމަށް ޕީޕީއެމް ދޫކޮށް ކޯލިޝަނާއި ގުޅުނު ފުވައްމުލަކު މެދު ދާއިރާގެ މެންބަރު މެންބަރު ޢަލީ ފަޒާދް ވިދާޅުވެއްޖެއެވެ.
ކޯލިޝަނުން މިރޭ ހއ ހޯރަފުށީގައި ބޭއްވި ޖަލްސާގައި ފަޒާދް ވިދާޅުވީ އެންމެ ސްޕޯޓްސް އެރީނާއެއްވެސް ނޭޅުނު ކަމަށެވެ. "ރާއްޖޭގެ އާބާދީގައި ހިމެނޭ ރައްޔިތުންގެ 60 އިންސައްތަ އަކީ ޒުވާނުން. ޒުވާނުންނަށް މިއަށްވުރެ ބޮޑަށް އޮޅުވައިލި ސަރުކާރެއް ހަމަ ޤައިމުވެސް އަޅުގަޑު ނުދެކެން. 2013 ވަނަ އަހަރު ވައުދުވި ގޮތަށް ރާއްޖޭގެ 187 ރަށުންކުރެ އެއްވެސް ރަށެއްގައި ސްޕޯޓްސް އެރީނާއެއް އަޅާފައެއް ނެތް."
ފަޒާދް ވިދާޅުވީ އެރީނާގައި އޮންނަން ޖެހެނީ ހަމައެކަނި ފުޓްސެލް ދަނޑެއް ނޫން ކަމަށާއި ބޮޑު ފުޓްބޯޅަ ދަނޑެއްވެސް އޮންނަން ޖެހޭ ކަމަށެވެ. ޓްރެކެއް، ވޮލީ ކޯޓެއް، ބަށި ކޯޓެއް ބާސްކެޓް ކޯޓެއް، އިންޑޯހޯލެއް، ބެޑްމިންޓަން، ކޮރޮމް އަދި ރާޒުވާ ކުޅެވޭނެ ގޮތް ވެސް ހަމަޖެހިފައި ހުންނަން ޖެހޭ ކަމަށެވެ.
"މެނިފެސްޓޯގައި ލިޔެފަ އޮންނާނީ ވެރިކަމުގެ ފުރަތަމަ އަހަރު 2500 ގެ ކޮންމެ އާބާދީއަކަށް މިކަންކަން ފުރިހަމަކުރެވިފައި އޮންނަން ޖެހޭނެ ކަމަށް. ވަރަށް ތަރުތީބުކޮށް ވަރަށް ރީތިކޮށް ލިޔެވިފައި އޮތް މެނިފެސްޓޯއެއް އަޅުގަނޑުމެން ދުށިން. އެކަމަކު 5 އަހަރު ނިމިގެންދާއިރު ރާއްޖޭގައި މިކަންކަން ފުރިހަމަ އެރީނާއެއް އޮތް އެންމެ ރަށެއްވެސް ނެތް."
ފަޒާދް ވިދާޅުވީ މެނިފެސްޓޯގައި ބުނެފައި އޮތް ގޮތަށް ގެޓްސެޓް އެންމެ ލޯނެއްވެސް ނުލިބޭ ކަމަށެވެ. މެނިފެސްޓޯގައި ބުނެފައި އޮންނާނީ 2 ޒުވާނަކު ގުޅިގެން ޕްރަޕޯސަލެއް ހުށަހެޅީމާ 48 ގަޑިއިރުގެ ތެރޭގައި ޖަވާބުވެސް ދޭންޖެހޭނެ ކަމަށް ކަމަށެވެ.
ފަޒާލް ވިދާޅުވީ ސަލާން ޖަހައި ޢަދޭސްކޮށްގެން ލޯނު ލިބޭ ނިޒާމެއް ޤަބޫލު ނުކުރައްވާ ކަމަށާއި ނަމަވެސް ކޮންމެ ކަމަކަށްވެސް ސަލާންޖަހައި އާދޭސްކުރަންޖެހިފައިވާ ކަމަށެވެ.
ފަޒާދް ވިދާޅުވީ ޕާޓީ ބަދަލުކުރުމުން ފިޔަވަޅު އަޅާ ވާހަކަ އެބައޮތް ކަމަށާއި ނަމަވެސް ޕީޕީއެމުން ވަކިވެގެން އަޅައިފާނެ ފިޔަވަޅަކަށް އެއްވެސް ވަރަކަށް ބިރު ނުގަންނަ ކަމަށެވެ.
ސަރުކާރުން ހަދާ ދޮގުތަކުގައި ތާށިނުވުމަށް ވެސް ފަޒާދް ވަނީ ޒުވާނުންނަށް ގޮވާ ލައްވައިފައެވެ.