ތެލުގެ ވަގު ވިޔަފާރިކުރަނިކޮށް އަތުލައިގަނެވިފައިވާ ބޯޓުގެ މައްސަލައިގައި ލިބިފައިވާ މައްސަލަތަކަށް ބަލައި މައްސަލަތައް ހުށަހެޅީ އޭސީސީއަށް ކަމަށާއި ނަމަވެސް އެ މައްސަލައިގައި ފުލުހުން މިއަދު ޖަވާބު ދީފައިވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އެމްޑީޕީގެ ޗެއަރޕަރސަން ޙަސަން ލަޠީފް ވިދާޅުވެއްޖެއެވެ.
ކޯލިޝަނުން މިރޭ ހޯރަފުށީގައި ބޭއްވި ޖަލްސާގައި ޙަސަން ލަޠީފް ވަނީ އެ މައްސަލަ އާއި މިސަރުކާރަށް ތުހުމަތު ކުރެވޭ ވަރަށް ގިނަ ވައްކަންތަކުގެ މައްސަލަތަކުގެ ބައެއް ތަފްޞީލުތައް ހާމަކުރައްވައިފައެވެ. (ޙަސަން ލަޠީފްގެ ވާހަކަފުޅުގެ އޯޑިއޯ ޚަބަރަށް އެޓޭޗްކޮށްފައިވާނެ.)
ޙަސަން ލަޠީފް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެމެރިކާ އާއިއެކު މަޝްވަރާތަކެއް ކުރަމުން ގެންދާ ކަމަށް ބުނެ ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ފަތުރަމުން ގެންދަނީ ދޮގު މައުލޫމާތުތަކެއް ކަމަށާއި އެފަދަ ދޮގު މައުލޫމާތުތައް ނުފެތުރުމަށް ޕީއެސްއެމްގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.
ޙަސަން ލަޠީފް ވިދާޅުވީ ލީކްވި ކަމަށްބުނެ ފަތުރަމުން ގެންދާ ކަރުދާހާއި މައުލޫމާތަކީ ތެދު ނޫންކަން އެމެރިކާ އެމްބަސީން މިއަދު ހާމަކޮށްފައިވާ ކަމަށެވެ.
ދޮގު ލިޔުންތައް އަމިއްލައަށް އުފައްދައިގެން އެމެރިކާ ފަދަ ޤައުމުތަކާއި އަދި އެނޫންވެސް ޤައުމަކާއި ގުޅުވައި ޤައުމުތަކުން ކަންބޮޑުވާފަދަ ވާހަކަތައް ނުފެތުރުމަށް ވެސް ޙަސަން ލަޠީފް ވަނީ އެދިވަޑައިގެންފައެވެ.
އެމްޑީއޭގެ ލީޑަރު އަޙްމަދު ޝިޔާމް މިހާރު ވަނީ ރައީސް ޔާމީން ދޫކޮށްލައްވާފައި ކަމަށާއި ދޫކޮށްލެއްވީ އިންސަފުން ބޭރުން ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ކަންތައްތަކަށް ކެތް ނުކުރެވިގެން ކަމަށް ވިދާޅުުވެ ޙަސަން ލަޠީފް ވަނީ ޝިޔާމަށް ޝުކުރު އަދާކުރައްވައިފައެވެ.
ޙަސަން ލަޠީފްގެ ވާހަކަފުޅު (އޯޑިއޯ)